ސަރުކާރު ދިފާއުކުރުމަށްޓަކައި ކުރައްވާން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މިސަރުކާރު ހިމާޔަތްކުރުމަށް ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. މަޖިލިހުގައި އެމްޑީޕީގެ އެންމެ ބޮޑު ބޭނުމަކީ މަދަދުވެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.  ނަޝީދު ވިދާޅުވީ، މިހާރު މިއޮތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއް ކަމުގައެވެ. އަދި ވެރިކަމުގައި ހުންނެވީ އުފަންވީއްސުރެ އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި ސަރުކާރަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް އަޅުގަނޑު ނުކުރާނަން. އަޅުގަނޑު، މި ސަރުކާރު ސަލާމަތް ކުރަން ވެގެން ގާނޫނު ތަންދިން ހުރިހާ ކަމެއް ކުރާނަން." ނަޝީދު ވިދާޅުވި އެވެ.

ގާނޫނީ ގޮތުން ކުރައްވާން ޖެހިވަޑައިގަންނަވާ ކަމެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހުރަސް ނާޅުއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ގާނޫނީ ގޮތުން އަދާކުރައްވާން ޖެހިވަޑައިގަންނަވާ ކަންކަމަށް އެމަނިކުފާނުވެސް ހުރަސް ނާޅުއްވާނެ ކަމުގައި ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ރައީސް ސޯލިހަކީ އެންމެ ގާތް އެކުވެރިޔާ ކަމަށް ވިދާޅުވެ ސަރުކާރު ދިފާއު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިމިވަނީ މަޖިލީހުގެ ތެރެއިން ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައީސް ނަޝީދު ބޮޑުވަޒީރުގެ މަގާމަށް ވެވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތެރުނު ނަމަވެސް ދޭތެރެ ދޭތެރެއިން މި ދެބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވާ މަންޒަރު ފޮޓޯތަކުންނާއި ވިޑިއޯތަކުން ދަނީ ފެންނަމުންނެވެ. ރައީސް ސޯލިހް ވެސް ވަނީ ނަޝީދާއި ދެބޭފުޅުންގެ ގުޅުން ގޯސްކަމަށް ދެކެވޭ ވާހަކަ އެކި ފަހަރުމަތިން ދޮގުކުރައްވައި ގުޅުން ރަނގަޅު ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު