ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް މައުމޫންގެ އެމްއާރްއެމުން އެ މަޤާމަށް ދެން ވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ކަމަށް ވަރަށް މުއުތަބަރު ފަރާތަކުން "ރަސް އޮންލައިން" އަށް މައުލޫމާތުދީފިިއެވެ.

"ރަސް އޮންލައިން" އަށް އެނގިފައިވާގޮތުގައި ސިއްހީ ހާލުކޮޅު ގޯސްވެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އުޒުރުވެރުވެ ވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ވަނީ އެކަން ރައީސް އިބްރާހިމް މުހަންމަދު ސާލިހަށް އަންގަވާފައެވެ. މިކަން ރައީސް އޮފީހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.

އާތިފާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުން ދެން އެމަގާމަށް އެމްއާރް އެމުން ވަޑައިގަންނަވާނީ ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫންކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.

ފާރިސް މައުމޫނަކީ ރައީސް ޔާމީނާއި ދެކޮޅަށް ބައްޕާފުޅާއެކު އެންމެ ފުރަތަމަ ނުކުމެ ވަޑައިގެން އާއިލާގެ މެންބަރެވެ. އަދި ފާރިސް ވަނީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސް ދައުރެއްވެސް އަދާ ކުރައްވާފައެވެ.

ފާރިސް މައުމޫނަކީ އިސްލާހީ މަސައްކަތުގަޔާއި ރައީސް ސޯލިހް ސަރުކާރު ވެރިކަމަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ސަރުކާރުން ހިންގި ގާނޫނާއި ޚިލާފު ކަންތައްތަކަށް ފާޅުގައި ދެކޮޅު ހައްދަވައި އިސްލާހީ މަސައްކަތް ފެއްޓެވުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ފަހަރަކު ފާރިޝް ޖަލުގައި ބަންދުކޮށްފައިވެއެވެ.

އެހެން ނަމަވެސް ފާރިޝް ކުރެއްވި މަސައްކަތްތަކުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން ކުރިއަށް ވަޑައިގެންނެވުމުގެ ނަތީޖާއަކަށްވީ ބައްޕާފުޅުވެސް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމެވެ.

ފާރިސް މައުމޫނަކީ ސިޔާސީ މައިދާނުގައި އާދަޔާ ޚިލާފު ހިތްވަރެއް ދެއްކެވި ފަހުލަވާނެއްގެ ގޮތުގައި ކޯލިޝަންގެ ގިނަ ފަރާތްތަކުން ސިފަކުރެއެވެ. އެމްއާރުއެމްގެ ސްލޮޓުގައި މިހާރުވެސް ހަތަރު ވަޒީރަކު ތިއްބަވައެވެ. އޭގެ ތެރޭގައި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު