އައްޑޫ އެއިމްސް ކްލިނިކްގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ހުއްދަ ސަރުކާރުން ނުދިނުމުން ދޭހަވަނީ ވިޔަފާރި ތަކާއި ރައްޔިތުން މިސަރުކާރަށް މުހިންމުނުވާކަން ކަމުގައި މާވަށު ދާއިރާގެ މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައްޑޫ އެއިމްސް ކްލިނިކްގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ސަރުކާރުން އަންގާފައިވާ ކަމަށް އެ ކްލިނިކް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.

އިހުސާން ވިދާޅުވެފައިވަނީ އެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތް މިނިސްޓްރީން އަންގަވާފައި ވަނީ އަނގަ ބަހުން ކަމަށެވެ. އެހެންކަމުން އެ ޚިދުމަތް ދިނުމަށް އެއިމްސް ކްލިނިކުން ކުރަމުން އައި މަސައްކަތް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ އެފަދަ އަގުހުރި މަސައްކަތަކަށް ހުރަސް އެޅުމުން އެކަމުން ދޭހަވަނީ ވިޔަފާރި ތަކާއި ރައްޔިތުން މިސަރުކާރަށް މުހިންމުނުވާ ކަން ކަމަށެވެ. ލާމަރުކަޒީ ޗެމްޕިއަނުން ކަމަށް ހެދިގެން އުޅޭ ސަރުކާރުގެ ހާލަކީ މިއީ ކަމަށް ވިދާޅުވެ ސައީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިހުސާން ފަހުން ވިދާޅުވެފައި ވަނީ އިމްސްގައި ޓެސްޓް ކުރަން ހުއްދަ ނުދޭން ނިންމި ސަބަބެއް އެނގިފައި ނުވާ ކަމަށެވެ. މިހާރު އިންތިޒާރު ކުރަނީ ރަސްމީކޮށް ލިޔުމުން، ސަބަބު ބަޔާންކޮށް ދޭނެ ޖަވާބަކަށް ކަމަށް އިހުސާން ވިދާޅުވިއެވެ.



" އަމިއްލަ ފަރާތަކަށްވެ އަތޮޅުތެރެވީމަ ގޯސް، ސަރުކާރުން މިފަދަ އަގުހުރި މަސައްކަތަށް ހުރަސް އެޅުމުން ދޭހަވަނީ ވިޔަފާރި ތަކާއި ރައްޔިތުން މުހިންމު ނޫން ކަން، ގޯސްވީ އެކަންކުރަން އުޅުނު ތަނާ ވިޔަފާރިބާ؟" ރައީސް ސޯލިހް ޓެގް ކުރައްވައި ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ސުވާލުކުރެއްވިއެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ނެތުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލަ އެއް ކަން ފާހަގަކޮށްލެވެއެވެ. ކުރިން މި ހަފްތާގައި އައްޑޫ ސިޓީ ފޭދޫ އެއިމްސް ޑައިގްނޯސްޓިކް ކެއާގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ގާއިމް ކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަން ޖެހޭ ހުއްދަތައް ހޯދަން ހުށައެޅުމުން ސަރުކާރުން ހުއްދަ ނުދިނުމުން ގިނަބަޔެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މިކަމަށް ގުޅޭގޮތުން އަދި ރަސްމީ އެއްވެސް ބަހެއް ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު