އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކަރަންޓް ކަނޑާލި މައްސަލައިގާ ޒިންމާވާންޖެހޭ މުވައްޒަފުން މަސްއޫލިއްޔަތުން ދުރުކޮށް އެމައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހަންމަދު ނިހާދު ގޮވާލައްވައިފިއެވެ.

އަޖުމަ ބެލުމަށް ކަމަށް ބުނެ އައްޑޫސިޓީގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކަރަންޓު ކަނޑާލި މައްސަލައެއް ފެންމަތިވެފައިވާއިރު އެކަމުގައި އެ ހޮސްޕިޓަލުގެ ދެ މުވައްޒަފަކު ބައިވެރިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެ ހޮސްޕިޓަލުން ކުއްލިގޮތަކަށް ކަރަންޓު ކަނޑާލި މައްސަލައާއި ގުޅިގެން އެ ހޮސްޕިޓަލުގައި ހުރި އެތައް މެޝިނަރީއެއް ހަލާކުވެ 8.6 މިލިއަން ރުފިޔާގެ ގެއްލުން ހޮސްޕިޓަލަށް ލިބިފައިވެއެވެ. ކަރަންޓް ކަނޑާލިއިރު އެ ހޮސްޕިޓަލުގައި ބަލި މީހުން ތިބި ކަމަށްވެސް ވެއެވެ. އެހެން ނަމަވެސް މިހާދިސާގައި އެއްވެސް ބަލި މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހޮސްޕިޓަލުން ކަރަންޓް ކަނޑާލި މުވައްޒަފުންގެ ހިތުގައި އެތަނުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ގެންދާ ބަލިމީހުންނާއި މެދުވެސް އިހުސާންތެރިކަމެއް ނެތް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އެކަން ކުރި ފަރާތްތަކަށް އަމާޒުވެފައިވެއެވެ.

އެކަމާ ގުޅިގެން ފޭދޫ ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު މުހަންމަދު ނިިހާދު ވަނީ އެކަމުގައި ޝާމިލްވި އެންމެން ތަހުގީގު ނިމެންދެން ޒިންމާ ތަކުން ދުރުކުރުމަށް ހެލްތު މިނިސްޓަރަށް ގޮވާލައްވާފައެވެ.



"މިކަމުގައި ޝާމިލްވާ އެންމެން ތަހުގީގު ނިމެންދެން ޒިންމާ ތަކުން ދުރުކުރުމަށްފަހު ފުރިހަމަ އަވަސް ތަހުގީގެއް ހިންގުމަށް ގޮވާލަން." އައްޑޫ ސިޓީ ހޮސްޕިޓަލާ ކޮމިޝަނަރ އޮފް ޕޮލިސް އާއި ފުލުހުންނަށް ޓެގް ކުރައްވައި ނިހާދު ކުރެއްވި ޓުވީޓްގައިވެއެވެ.

މިކަމާ ގުޅިގެން އައްޑޫސިޓީ ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ. އެހެން ނަމަވެސް އައްޑޫ ހޮސްޕިޓަލުން އެމައްސަލަ ބަލަމުންދާކަން މިނޫހަށް އެނގިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު