ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންގެ ކިބައިން ފެނުނީ ޑިމްކޮރަސީގެ ރީތި މިސާލެކޭ ބުނުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފައްޔާޒު ކާމިޔާބު ކުރެއްވީ އިންތިހާބުގައި ވޯޓް ދިން މީހުންގެ 58 ޕަސެންޓް ވޯޓާއެކުއެވެ. އިންތިޚާބުގައި ފައްޔާޒާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އިންތިއަށް ލިބިވަޑައިގަތީ 42 ޕަސެންޓް ވޯޓެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ޑިމޮކްރަސީގެ ރީތި މިސާލެކޭ ކިޔައިގެން ވާހަކަ ދައްކާއިރު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް އެ އިންތިޚާބުގައި ވާދަކުރެއްވި ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ތުހުމަތު ކުރަމުންދިޔަ ކަމަށެެވެ. ޑިމްކޮރަސީ އަކީ އެމްޑީޕީން ބޭނުންވަރަކަށް ކުޅި ހެއު ވަރުކޮށް ރޮއްޓާ ޖަހައިގެން ކާއެއްޗެއްބާ އޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިހުރިހާ ޖަރީމާ އެއް ހިންގާ ބަހައްޓާފައި ނިމުނީމަ މި ބުނަނީ ޑިމޮކްރަސީގެ ރީތި މިސާލެކޭ އެމްޑީޕީން ފެނިގެންދިޔައީ. ކޮންކަހަލަ ހަޑިމުޑުދާރު ވާހަކައެއްތޯ ކޮންކަހަލަ ހަޑިމުޑުދާރު މަންޒަރުތަކެއްތޯ އިންތިޚާބުގެ ތެރޭގައި ކެމްޕޭން ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ." އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވައްކަމާ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ކުރި ތުހުމަތުތަކަށް އިޝާރަތް ކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ޕީޕިއެމުން މަސައްކަތް ކުރާނީ ސަރުކާރު ޒިންމާދާރުކޮށް ސަރުކާރަށް ފާޑުކިޔައި ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށާއި ނިމިދިޔަ އިންތިޚާބުގައި ޕީޕިއެމުން އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ކޮށްފައިނުވާނެ ކަމަށެެވެ. ޝިޔާމް ވިދާޅުވީ އެމްޑީޕީވާނީ ހަމަ އެމްޑީޕީއަށް ކަމަށެވެ. ގައުމުގައި ހިންގާ ހުރިހާ ޖަރީމާ އެއް ހިންގަނީ އެމްޑީޕީގެ ދެ ފެކްޝަން ގުޅިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެެ.



ކިޔުންތެރިންގެ ހިޔާލު