މިމަހުގެ 2 ވަނަ ދުވަހު ފެށި އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ޚިދުމަތް ބޭނުންކޮށްގެން 11 ދުވަހުގެ ތެރޭގައި 3000 އަށްވުރެ ގިނަ މީޙުން ދަތުރުކޮށްފައިވާކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިވަގުތުު ހދ.ގައި ފެރީގެ ޚިދުމަތް ދެމުންދާއިރު، ހިދުމަތް ދެނީ އެއްވެސް އަގެއް ނުނަގާކަަމަށެވެ. އަދި އަގު ނަގަމުން ނުދަނީ ފެރީ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ބޭނުމުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖުލައިމަހުގެ ނިޔަލަށް ހއ. އަދި ށ. އަތޮޅަށްވެސް ފެރީގެ ޚިދުމަތް ފެށޭނެކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެންމެ ގިނައިން މީހުން ދަތުރުކުރަނީ ބޭސްފަރުވާގެ ޚިދުމަތް ހޯދަންކަމަށެވެ. އަދި ފުރަތަމަ 11 ދުވަހުގެ ތެރޭގައި 3000 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މޫދަށް އެރިލަންވެސް މީހުން ގޮސްފައި އެބަހުރި. ކުޅުދުއްފުށީ މީހުން މޫދަށް އެރިލަންވެސް އެސަރަހައްދުގެ އެހެން ރަށްރަށަށް ދަތުރުކޮށްފަ އެބަހުރި. މި ފެރީގެ ޚިދުމަތަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި މިކަން ވާންއެބަޖެހޭ. އެއްރަށެއްގެ ބިން ކުޑަވެގެން މޫދަށް އެރޭތަން ނެތިގެން އުޅެން ނުޖެހޭނެ މިހާރަކު." އަސްލަމް ވިދާޅުވިއެވެ.

ޤައުމީ ފެރީ ނިޒާމް ހދ. އަތޮޅަށް ފަށާފައިވާއިރު، ދެން އެންމެ އަވަހަށް ފަށާނީ ހއ. އަތޮޅަށެވެ. އެގޮތުން ރަށްރަށުގައި ފެރީ ޓަރމިނަލް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ޤައުމީ ފެރީ ނިޒާމަކީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ މިޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އަދި މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު