މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ނަތީޖާއިން އެނގުނީ މި ސަރުކާރަށް އަތޮޅުތަކުން އޮތް ތަރުހީބު ބޮޑުވެއްޖެކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިހާތަނަށް އެމްޑީޕީގައި ކުރިޔަށް ގެންދިޔަ ވާދަވެރިކަން އެންމެ ބޮޑު އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ މައްޗަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ކުރި ހޯއްދަވައި އެ އިންތިހާބު ކާމިޔާބު ކުރަށްވާފައެވެ. މި އިންތިހާބުގައި ފައްޔާޒަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި އިބްރާހީމް ޝަރީފް މިއަދު ވިދާޅުވީ، ކޮވިޑް19 ގެ ދަތި އުނދަގޫތަކާއި "މިޑްޓާމް" ތެރޭ އޮތް ސަރުކާރަކާއަޅާ ބަލާއިރު ލިބިގެން ދިޔައީ މުހިންމު ކާމިޔާބީއެއް ކަމަށެވެ.



އަދި އެކަމުން އެނގެނީ، ސަރުކާރުން ގެންނަމުންދާ ތަރައްގީ ޕާޓީގެ މެންބަރުން ބަލައިގަންނަކަން ކަމަށާއި އަދި ޕާޓީގެ މެންބަރުން މި ސަރުކާރު "ބޮޑުކޮށް" ބަލައިގަތްކަމުގެ ހެއްކެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.، އަދި މި އިންތިހާބުގެ ނަތީޖާއިން އެނގުނީ ސަރުކާރަށް އަތޮޅު ތެރޭގައި އޮތް ތަރުހީބު ބޮޑުވެއްޖެކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އިންތިހާބާއި އެމްޑީޕީ ކުރިމަތިލީއިރު ޕާޓީ އޮތީ ދެ ފެކްޝަނަކަށް ބެހިފައެވެ. އަދި އެ ދެބައިވުންތައް އިތުރުވީ، މި އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އިންތިޚާބަށް ކެންޑިޑޭޓުން ނެރުއްވުމުންނެވެ.

އެގޮތުން ރައީސް ޞާލިޙްގެ ފެކްޝަނުން ނެރުނު ފައްޔާޒުގެ ކެމްޕޭން ކުރިޔަށް ގެންދިޔައިރު، އެންމެ ގިނައިން ދައްކާފައިވާ ވާހަކައަކީ، އެމްޑީޕީ ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގެ ވާހަކައެވެ. މި ވާހަކަތަކަށް އިތުބާރުކޮށް އާންމު މެންބަރުން ވޯޓު ދިނުމަކީ ސަރުކާރަށް އެ މެންބަރުން އިތުބާރުކުރާކަމާއި މި ސަރުކާރު ބޭނުންވާކަންކަމަށް، ފައްޔާޒަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު