2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީން ޕްރައިމަރީއެއް ބޭއްވުމާއިމެދު ގޮތެއް ނިންމާނީ ގައުމީ މަޖިލީހުންކަމަށާއި، ނަމަވެސް ތާއީދުކުރައްވަނީ ރައީސް ސާލިހަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންތިހާބަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޟް ވިދާޅުވީ އިންތިހާބުގެ ކާމިޔާބީން ދޭހަވަނީ އާންމު މެންބަރުން ތިބީ ރައީސް ސޯލިހާއި ސަރުކާރާ އެކު 2023 ކާމިޔާބު ކުރަން ކަމަށެވެ. ނަމަވެސް ރިޔާސީ ޓިކެޓާއި ރިޔާސީ ޕްރައިމަރީއާ މެދު ގޮތެއް ނިންމާނީ ގައުމީ މަޖިލީހުންކަމަށް ފައްޔާޟް ވިދާޅުވިއެވެ.

މިހާރުގެ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވި ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަނީ ރައީސް ސާލިހު އިންތިހާބުގައި ވާދަކުރައްވާނެކަމަށެވެ.

ފައްޔާޟް ވިދާޅުވީ އިންތިހާބަށްފަހުވެސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެކަމަށެވެ. އަދި އިންތިހާބާއެކު އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވީ ނަމަވެސް ޕާޓީ ރޫޅި ބައިބައިވެގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޟު ވިދާޅުވިއެވެ.

އެމްޑީޕީގެ ދިގު ސިޔާސީ ތާރީޚުގައި ވެސް އެންމެ ވާދަވެރިކަމާއެކު ކުރިއަށް ދިޔަ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފައްޔަ) ވަނީ ބޮޑުތަނުން ކުރި ހޯއްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު