އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުގެ ނަތީޖާ އިއުލާން ކުރަންފަށާފައިވާއިރު ބޮޑުތަނުން ކުރީގައި އުޅުއްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަމަށް މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.

މި އިންތިހާބުގައި އިކޮންމިކް މިނިސްޓަރު ފައްޔާޒާއި ވާދަކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އިންތި އެވެ.

މިއަދުގެ އިންތިހާބަށް 281 ވޯޓް ފޮށި ބަހައްޓާފައިވާއިރު 108 ވޯޓްފޮށީގެ ނަތީޖާ މިހާތަނަށް ވަނީ އިއުލާނު ކޮށްފައެވެ. ގިނަ ވޯޓް ފޮށިތަކުން ފައްޔާޒު ކުރި ހޯއްދެވިއިރު އެ ވޯޓްފޮށިތަކުން ފައްޔާޒް ވަނީ 18،000 އަށްވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 10،000 ވޯޓެވެ. މިހާތަނަށް އިއުލާންކުރި ބައެެއް ފޮށިތަކުން ފައްޔާޒު ވަނީ 90 ޕަސެންޓަށްވުރެ މަތިން ވޯޓް ހޯއްދަވާފައެވެ.

ޗެއާޕާސަން އިންތިހާބުގެ އިތުރުން މިއަދު ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމުގެ އިންތިހާބު ވެސް ބާއްވާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމުގައި ކުރި ހޯއްދަވާފައިވަނީ ރޮޒައިނާ އާދަމެެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9 އިން ހަވީރު 6 ކަށެވެ.



ކިޔުންތެރިންގެ ހިޔާލު