ސްރީލަންކާގެ އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤަމާއި ރަނިލް ހަވާލުވެވަޑައިގަތީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:00 ހާއިރުއެވެ.

ރަނިލްއަށް މަރުހަބާ ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ރަނިލްއަކީ އަބަދުވެސް ވަރަށް ބޭނުންތެރި، ރަނގަޅު ނަސޭހަތްތަކެއް ދެއްވި ބޭފުޅެއްކަމަށެވެ. އަދި މިވަގުތު ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ލަންކާއަށް ރަނިލްގެ ޒައާމަތުގެ ދަށުން ހަމަޖެހުން ގެންނާނެކަމާމެދު ޝައްކެއް ނެތްކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ރަނިލް ވަނީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމު މީގެކުރިން 5 ފަހަރެއްގެ މަތިން އަދާކުރަށްވާފައެވެ. އެއީ 1993 އިން 1994އަށް، 2001 އިން 2004އަށް، 2015 ވަނަ އަހަރު ސަތޭކައެއްހާ ދުވަހު މަޤާމު އަދާކުރެއްވުމަށްފަހު، 2015 އިން 2018އަށް، އަދި 2018 އިން 2019އަށެވެ.

2020 ވަނަ އަހަރު އޭނާއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވިއިރު، އެ ފަހަރު އޭނާ ޤާނޫނު ހަދާ މަޖިލީހަށްވެސް އިންތިހާބުވެވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް 2021 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރަށްވައި އަނެއްކާވެސް އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހުން ޖާގަ ހޯއްދަވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި މަހިންދަ ރާޖަޕަކްސަ މަޤާމުން އިސްތިއުފާދެއްވީ މިދިޔަ ހޯމަދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު