އެސްޓީއޯއިން ރާއްޖެ އެތެރެކުރާ 6 އެއަރ ކޮންޑިޝަނަރ މޮޑެލެއް "ހަކަތަރި" ޕްރޮގްރާމަށް ފެތޭ ތަކެތިކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ހަކަތަރި ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.

އެސްޓީއޯއިން އެތެރެކުރާ އެއަރ ކޮންޑިޝަނަރގެ 6 މޮޑެލެއް "ހަކަތަރި" ޕްރޮގްރާމަށް ފެތޭ ތަކެތި ކަމުގައި ކަނޑައަޅާފައިވާއިރު މިއީ ހަކަތަރި ލޭބަލް ޖެހުމަށް ހުއްދަދޫކުރި ފުރަތަމަ ކުންފުންޏެވެ.

ކަރަންޓު ބޭނުންކުރާ މިންވަރާއި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑަށްފެތޭ އެންމެ ދަށްމިންވަރު އަންގައިދޭ ލޭބަލެވެ. އަދި ފަސްވަނަ ދަރަޖައިގެ ލޭބަލަކީ ހަކަތަ ސަމަކާރަ މިންގަނޑުގެ އެންމެ މަތީ ދަރަޖަ އަންގައިދޭ ލޭބަލެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ހުއްދަ ދޫކުރެވުނު މޮޑެލްތަކަށް 4 ތަރި އަދި 5 ތަރި ލިބިފައިވާކަމަށެވެ. ހަކަތަރި ލޭބަލުން ކޮންމެ އަހަރަކު ބޭނުންކުރާނެކަމަށް އަންދާޒާ ކުރެވޭ ކަރަންޓުގެ މިންވަރުވެސް އެނގޭނެއެވެ. މި ލޭބަލުން އަދިވެސް އޭސީއާ ގުޅޭ އިތުރު މައުލޫމާތު ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ހަކަތަރި ޕްރޮގްރާމްގައި ރަޖިސްޓްރީވުމަކީ ވިޔަފާރިތަކަށް އިޚްތިޔާރީކަމެކެވެ. މި ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވަނީ އިމްޕޯޓުކުރާ ފަރާތްތަކުން މިޕްރޮގްރާމުގައި ރަޖިސްޓްރީވުމަށްފަހުއެވެ.



މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ލޭބަލް ޖެހުމަށް ހަމަޖެހިފައިވަނީ އައިސްއަލަމާރި، އޮޓޮމެޓިކް ދޮންނަމެޝިން އަދި އެއަރކޮންޑިޝަނަރގައެވެ. ލޭބަލް ޖެހުމަށް ހުއްދަ ދެވިފައިވާ އާލާތްތައް ގަންނަ ފަރާތްތަކަށް ވިއްކުމުގެ ކުރިން އެތަކެތީގައި ލޭބަލް ހަރުކުރަން ޖެހޭނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އަމާޒަކީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ އޭސީ، އައިސް އަލަމާރި، އަދި ދޮންނަ މެޝިނަކީ ހަކަތަރި މިންގަނޑަށް ފެތޭ ތަކެތިކަމަށް ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު