ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މެދު މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި އެމަނިކުފާނަށް ސަލަމާތާއި ރައްކާތެރިކަން ދިނުމަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ރައީސް ޔާމީންގެ ގެކޮޅަށް އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާ ގެކޮޅަށް ސްޕްރޭކޮށް، އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލާ އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް ލިޔުންތަކެއް ވަނީ އަޅާފައެވެ. ޕީޕިއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވީ ރައީސް ޔާމިނާއިމެދު ސަރުކާރުން ވަނީ އިހުމާލުވެފައި ކަމަށެވެ.

ރައީސް ޔާމީންގެ ގެކޮޅަށް ހަމަލާދެވުނީ އެމްއެންޑީއެފުން ދޭންޖެހޭ ސަމާލުކަން ނުދިނުމާއި ސަރުކާރުން ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ނުދެވޭތީ ކަމަށް އަދުރޭ ވިދާޅުވިއެވެ. ޔާމީނަށް އިންޒާރުދިން މައްސަލައާ ގުޅިގެން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ރަސްމީކޮށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށްވެސް އަދުރޭ ވަނީ ފާހަގަކުރައްވާފައެވެ.

އަދުރޭ ވިދާޅުވީ ޔާމީނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފައެެވެ. އަދި ޔާމީނަށް ސަލަމަތާއި ރައްކާތެރިކަން ނުދިނުމަކީ ހަމައެކަނި ޕީޕީއެމް/ޕީއެންސީގެ ކަންބޮޑުވުމެއް ނޫން ކަމަށާއި އެކަމާ ގިނަ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމިންގެ ގެކޮޅަށް ސްޕްރޭކޮށް ގެއްލުންދިން މައްސަލަ ފުލުހުން މިހާރު ވަނީ ބަލަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު