ރާއްޖެއަށް ދިމާވި ކޮވިޑުގެ ދަތި އުދަނގޫ ގޮންޖެހުންތަކުން އަރައިގަނެވިފައިވާއިރު އެމްޑީޕީ ސަރުކާރާއެކު އޮތްނަމަ މާ ވަރުގަދައަށް ސަރުކާރަށް ކަންކަން ކުރެވުނީސް ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރަށްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ ފަހަތުގައި ޕާޓީ ވަރުގަދަކޮށް އޮންނަންޖެހޭ ކަމަށެވެ. ކޮވިޑުގެ ދަތި އުނދަގޫ ގޮންޖެހުންތަކުން އަރައިގަނެ އެކަމުން ސަލާމަތްވެފައިވާއިރު، އެމްޑީޕީ ސަރުކާރާއެކު ވަރުގަދަކޮށް އޮތް ނަމަ މާ ވަރުގަދައަށް ކަންކަން ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސާން ކަމަށް އިންތިޚާބުވެވަޑައިގެންފި ނަމަ އެމްޑީޕީއާއި ސަރުކާރާއި ގުޅިގެން ވައުދުތައް ފުއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ބާކީ ހުރި ވައުދުތަށް ފުއްދުމަށްޓަކައި އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޗެއާޕާސަން ކަމުގައި ސަރުކާރާއި އެއްކޮށް ވަރުގަދައަށް އޮވެ ސަރުކާރުގެ ވައުދުތަކާއި ރައީސުލްޖުމުހޫރިއްޔާގެ ވައުދުތައް މެމްބަރުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމަށްޓަކައި އެކުރަންޖެހޭ ކަންތައްތަށް ކުރާނަން." ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ސާލިޙުގެ ލީޑަރޝިޕްގެ ދަށުން ކޮވިޑުން އަރައިގަތުމަށް ކުރި މަސައްކަތް ވޯލްޑް ބޭންކުން ވެސް ވަނީ ފާހަގަކޮށްފައެެވެ. ކޮވިޑުން އަރައިގަނެ އެންމެ އަވަހަށް އިގްތިސާދު ކޮޅަށްޖެހި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މިއަހަރުގެ ތެރޭގައި ހައްލު ކުރައްވާނެ ކަމަށާއި އެކަން ކުރާނީ މި ސަރުކާރުން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ކެމްޕޭންގައި ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަކަށް ވަޑަައިގެންނެވި ކަމަށާއި އޭގެ ތެރެއިން 10 ރަށުގައި ވެސް ރަނގަޅު ފެންވަރެއްގެ ޕާޓީގެ ޖަގަހެއް ނެތް ކަމަށެވެ. އެމްޑީޕީ ހިންގާލަން ޖެހެނީ އެހެންވެގެން ކަމަށާއި ޕާޓީގެ މެމްބަރުންނަށް އާ ރޫޙެއް ގެނެސްދޭންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާ ދިޔުން ހުއްޓުވަން ޖެހޭ ކަމަށެވެ. ޕާޓީގައި އާންމު މެމްބަރުންގެ ބައިވެރިވުން އިތުރުކުރަން ޖެހޭ ކަމަށާއި ކަންބޮޑުވުންތަކަށް ތަސައްލީއެއް ގެނެސްދޭން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.



ކިޔުންތެރިންގެ ހިޔާލު