ރައީސް ނަޝީދު އެމަނިކުފާނުގެ މަންމާފުޅާ ބައްޕާފުޅާ، އާއިލާގެ ބޭފުޅުންނާއެކު
ރައީސް ނަޝީދު އެމަނިކުފާނުގެ މަންމާފުޅާ ބައްޕާފުޅާ، އާއިލާގެ ބޭފުޅުންނާއެކު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހަރާކޮށްލަން މާލޭގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް އަދިވެސް އިންސާފު ނުލިބޭ ކަމަށާއި އެކަމާ މެދު ކަންބޮޑުވާކަމަށް އާއިލާއިން ބުނެފިއެެވެ.

މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބޭތީ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލާގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެންދާތީ އާއި އެކަމުގެ ކުރީ ސަފުގައި ތިބި މީހުން ހައްޔަރު ކުރެވުނަސް އޭގެ ފަހަތުގައި ތިބި މީހުން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަސް ހަނގުރާމަވެރިޔަކާ މެދު ދައުލަތުގެ އިދާރާތަކުން އަހަންމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދުގެ އާއިލާއިން ބުނެފައިވަނީ މިދަނޑިވަޅުގައި ވެސް އާއިލާއިން އެދެނީ ހަމަލާ ހިންގުމަށް ފައިސާ ހަރަދު ކުރި މީހުން ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް ހިންގުމަށް ކަމަށެވެ. އަދި އެކަން އެގޮތަށްކޮށްފައި ނެތުމުގެ ސަބަބުން ރައީސް ނަޝީދުގެ ޖާނާއި އެމަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށައިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވާ ކަމަށް ވެސް އާއިލާ އިން ނެރުނު ބަޔާނުގައިވެއެެވެ.

"މިކަމުގައި އަދުލު އިންސާފު ގާއިމުވެފައި ނެތުމުން މުޅި މުޖުތަމައުގެ މައްޗަށް ބިރުވެރިކަމުގެ ހިޔަނި އެޅިފައިވާކަމުގައި ގަބޫލުކުރަން." ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ސެކިއުރިޓީ ސަބަބުތަކާ ހެދި ރައީސް ނަޝީދު ހިންގަވާ ހަރަކާތްތައް ހަނިވެފައިވާތީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ހުއްޓިފައިވާ ކަމަށެވެ. އަދި ސިޔާސީ ގޮތުންނާއި އަދި ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނާއެކު އެމަނިކުފާނު ކުރައްވަން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން އެމަނިކުފާނު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގަތެވެ. އެ ހަމަލާއިން ލިބުނު ގެއްލުންތަކަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއާއި ރާއްޖެއިން ބޭރުން ރައީސް ނަޝީދު ވަނީ ފަރުވާ ހޯއްދަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު