ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލާ، ބަޔަކު އެމަނިކުފާނުގެ އަމިއްލަ ގެކޮޅު، ހ. ދޫވެހި ކުރިމަތީގައި އަޑުއުފުލުމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަން ކުށްވެރިކުރައްވަައިފިއެވެ.

ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލާ، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ކައިރިއަށް މިއަދު ހަވީރު އެއްވެ އަޑުއުފުލާފައިވަނީ މޯލްޑިވް ޔޫތު ފޯސްގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ގުރޫޕަކުންނެެވެ. އެ ގުރޫޕަށް ނިސްބަތްވާ މަދު ބަޔަކު އެ ސަރަހައްދަށް އެއްވެ ރައީސް ޔާމިން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.

އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެެއްވި ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ ‏ޒާތީ ގޮތުން ރައީސް ޔާމީނަށް އިންޒާރުދީ، ގެކޮޅު ދޮށަށް އެއްވެ ހިންގި ޢަމަލަކީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުއްވެރިކުރައްވާ ކަމަށެވެ.



"މިފަދަ ޢަމަލުތަކަކީ ރާއްޖޭގެ ޤައުމީ ސަލާމަތާއި މުޖުތަމަޢުގެ ހަމަޖެހުމަށް ހުރި ނުރައްލެއް. މިބާވަތުގެ ޢަމަލުތައް ވަގުތުން ހުއްޓުވަންޖެހޭ." އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ވެސް ހުންނެވި ޑރ. ޝަހީމް ވިދާޅުވިއެވެ.

އެއްވުން ފެށުމާއެކު އެ ސަރަހައްދަށް ވަނީ ރައީސް ޔާމީނަށް ތާއީދު ކުރާ މީހުން އެއްވެފައެވެ. އެއާއެކު ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވެސް ބަދަލުކޮށްފައި ވެއެެވެ. ފުލުހުން ވަނީ ރައީސް ޔާމިން ގެކޮޅު ދޮށައް އެއްވި މީހުން އެސަރަހައްދުން ފޮނުވާލާފައެވެެ.

މޯލްޑިވް ޔޫތު ފޯސްގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ އެ ގުރޫޕުން ރައީސް ޔާމިން ގެކޮޅު ދޮޮށައް އެއްވެފައިމިވަނީ އެމަނިކުފާނު ސައިޒު ކުރާނެ ކަމަށް އިންޒާރު ދިނުމަށްފަހުއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ އެމައްސަލަ ފުލުހަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު