މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ޖަމުއިއްޔާތައް ސިފަ ކުރެއްވި ގޮތުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށް ވަރަށް ބޮޑަަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ހެލްތު މިނިސްޓަރަށް ފާޑު ކިޔުން އަމާޒުވެ މީޑީއާއަށް އެކަން ތިލަވެގެން އުޅެނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރުކޮށްފައިވާ ޕެޓިޝަނަކާއި ގުޅޭގޮތުން މީޑިއާގައި މިނިސްޓަރ ނަސީމް ދެއްކެވި ވާހަކައަކުންނެވެ. އެގޮތުން މީޑިއާތައް ކުރިމަތީގައި މިނިސްޓަރ ނަސީމް ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ އެންޖީއޯތަކަށް ބޮޑެތި ތުހުމަތުތަކެއް ކުރަށްވާފައެވެ.

މިނިސްޓަރ ނަސީމް ދެއްކެވި ވާހަކައިގައި އެންމެ ބޮޑަށް ފާހަގަވީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ އެންޖީއޯތައް ނުވަތަ ޖަމުއިއްޔާތައް ސިފަކުރެއްވި ގޮތެވެ. މިނިސްޓަރ ނަސީމް ވިދާޅުވާގޮތުންނަމަ އެއީ "ޑްރަގް ބޭފުޅުން"ނެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ އެންޖީއޯތައް ނުވަތަ ޖަމުއިއްޔާތަކަކީ "ޑްރަގް ބޭފުޅުން"ގެ ގޮތުގައި ސިފަކުރެއްވީ ކީއްވެގެންކަމެއްވެސް ނޭނގެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ އެންޖީއޯތައް ނުވަތަ ޖަމުއިއްޔާތަކަކީ "ޑްރަގް ބޭފުޅުން"ގެ ގޮތުގައި ސިފަކުރެއްވުމަށްފަހު މިިނިސްޓަރ ނަސީމް ދެން ވިދާޅުވީ އެއަށްވުރެ ދަށު ދަރަޖައިގެ ވާހަކަތަކެކެވެ. ނަސީމް ވިދާޅުވީ އެންޖީއޯތަކާއި ވާހަކަ ނުދެއްކެވެނީ އެބޭފުޅުންގެ "ބޯ މޭޒުގައި ޖެހޭވަރުން" ކަމަށެވެ. އާއްމު ބަހުރުވައިންނަމަ މިނިސްޓަރ އެ ކުރައްވަނީ ބޮޑު ތުހުމަތެކެވެ.

"އަޅުގަނޑު ޑްރަގް ބޭފުޅުން ގެނެސްގެން އޮފީހުގައި ވާހަކަ ދައްކައިފިން.. އެއްގޮތަކަށްވެސް ވާހަކަދެއްކޭ ގޮތެއް ނުވެގެން އަޅުގަނޑު ހުއްޓާލީ، އެއީ ބޯ މޭޒުގައި ޖެހޭ. އެހެންވީމަ މިކަހަލަ ކަންކަން މިހެން ހުންނާތީ އަޅުގަނޑުމެންނަށް އުނދަގޫވަނީ" ނަސީމް ވިދާޅުވިއެވެ.

މިބަހުން މާނަކޮށްދެނި އެބޭފުޅުން ނަސީމާ ވާހަކަދައްކަން ވަޑައިގަންނަވަނީ ވެސް "ހަމައިގައި ތިއްބަވައިގެން ނޫން" ވާހަކައެވެ.

ޑްރަގް ބޭފުޅުންގެ ބޯ މޭޒުގައި ޖެހޭ ވާހަކައަށްފަހު ނަސީމް ދެންވެސް އެބޭފުޅުންނަށް ކުރެއްވީ ތުހުމަތުތަކެކެވެ.



"އޭގެ ބައިވަރު އެންޖީއޯތައް އެބަހުރި. އަޅުގަނޑު ބެލި ބެލުމުގައި ވަރަށް ގިނަ ފައިދާތަކެއް މި އެންޖީއޯތަކުން ނެގިފައި އެބަހުރި މިކަންކަން ކުރުމުގެ ތެރޭގައި." މީޑިއާގެ ކުރިމަތީގައި ނަސީމް ވިދާޅުވިއެވެ.

ނަސީމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުންނެވެ. އަދި ނަސީމްގެ ސަބަބުން ރައީސް ސާލިހަށް އޮތް ތާއީދުވެސް ގެއްލޭނެކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.



ބައެއް މީހުން ބުނާގޮތުން ގައުމެއްގެ ތަރައްޤީ ބިނާވަނީ އެ ޤައުމުގައި މަސައްކަތްކުރަން އޮންނަ "ވޯކް ފޯސް"އަށްކަމަށްވާއިރު، ގައުމު ބިނާކުރަން މުސްތަގްބަލުގައި ތިބި ޒުވާނުން މަސްތުވާތަކެއްޗަށް ގޮސް ހުސްވުމަކީ މި ޤައުމަށް އޭގެ ގެއްލުންކުރިމަތިވާނެކަމެއްކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ޖޯކަކަށް ހަދައިގެން މިނިސްޓަރު ދެއްކެވުން ބަލައި ނުގަންނާނެކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ނަސީމް މަޤާމުން އިސްތިއުފާ ދޭންޖެހޭކަމަށް ވެސް ގިނަ ބަޔަކު ބުނަމުންދާއިރު، ނަސީމް ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކާއިމެދު ހެލްތު މިނިސްޓްރީންވެސް އަދި ސަރުކާރުންވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު