ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ރައީސްގެ ގަރާރަކުން ހަނިކުރެވޭނެ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެކަމަށް ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ގަރާރެއް ނެރުއްވާފައެެވެ. އެ ގަރާރާ ގުޅިގެން ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރައީސް ނެރުއްވާ ގަރާރަކުން ހަނިކުރެވޭނެ އަދި ހުއްޓުވޭނެ ކަންކަން ނޫން ކަމަށެވެ.

އަލީ ހުސެއިންގެ އެވާހަކައަށް ރައްދު ދެއްވަމުން ޖުމުހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ މިނިވަންކަމުގެ ވާހަކަ އެކަނި ދެއްކެވުމުގެ ބަދަލުގައި އެއާއެކު ލާމެހިފަައިވާ ގާނޫނު އަސާސީގެ 67 ވަނަ މާއްދާ ބައްލަވާލެއްވި ނަމަ ހާދަހާ ރަނގަޅުވާނެ ކަމަށެވެ.



ގާނޫނު އަސާސީގެ 67 މާއްދާއަކީ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް ބަޔާން ކުރާ މާއްދާއެެވެ. އެ މާއްދާގައި ބުނެފައިވަނީ ކޮންމެ މީހަކަށް ލިބިދޭ ހައްގުތަކާއި މިނިވަންކަމާއި އެމީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކަކީ ވަކި ނުކުރެވޭނެ ދެ އަސާސް ކަމުގައި ވީ ހިނދު އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަކީ ކޮންމެ ރަައްޔިތެއްގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އެވަގުތު ދިވެހި ރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ އެ ކަންތައްތަކަށް އިޙުތިރާމް ކުރަން ވާނެ ކަމަށް އެ މާއްދާގަައި ވަނީ ބުނެފައެެވެ.

މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ ބުނެފައެވެ.

ރައީސް ސާލިޙު އިއްޔެ ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއްކަމަށެވެ. އަދި އެއީ ދިވެހިރާއްޖެއާ އިންޑިޔާއާއެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގާ ހަރަކާތެއްކަމަށް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު