ހުޅުމާލެ ފޭސް 2 ގައި 2 ސުކޫލެއް ގާއިމްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ބިން ހަވާލުކޮށްފިއެވެ.

ހުޅުމާލެ ފޭސް 2 ގައި 2 ސުކޫލެއް ގާއިމްކުރުމަށް ބިން ދިނުމަށް މިއަދު ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒްއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.



މިގޮތުން ޕްލޮޓް އެން5-32 ގައި އެއް ސުކޫލު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 60720 އަކަފޫޓުގެ ބިމެއްގައި 1200 ކުދިންގެ ޖާގައަށްވާ ގޮތަށް ފަރުމާކުރެވިފައިވާ ސުކޫލެކެވެ. އަދި ޕްލޮޓް އެން4-23 ގައި ދެވަނަ ސުކޫލު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 65534.61 އަކަފޫޓުގެ ބިމެއްގައި 1500 ކުދިންގެ ޖާގައަށްވާ ގޮތަށް ފަރުމާކުރެވިފައިވާ ސުކޫލެކެވެ.

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެގޮތުން މިސްކިތްތަކާއި، ފިހާރަތަކާއި އެހެނިހެން ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އަދި އިތުރު ސްކޫލްތައް އިމާރާތްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު