މިނިސްޓަރ ޔުމްނާ މައުމޫން
މިނިސްޓަރ ޔުމްނާ މައުމޫން
ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް އެކުލަވާލައި، ގެޒެޓު ކުރުމަށް ފޮނުއްވަވާފައިވާކަމަށާއި ފުރަބަންދުގައިވެސް ގޭގައި ތިބެގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިންމައި، އެޓާނީ ޖެނެރަލްއާއި ކަމާއިބެހޭ އެހެނިހެން ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހު، އެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ ޤަވާއިދުތައް ގެޒެޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭނެ ކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޤަވާއިދާއި ދާރުލްއާސާރު ހިންގުމުގެ ޤަވާއިދެވެ.

މިނިސްޓަރ ޔުމްނާ އިތުރަށް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ގޭގައި ތިބެގެން މަސައްކަތް ކުރަން ފެށިފަހުންވެސް މިނިސްޓްރީގެ ދާއިރާތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މި މުއްދަތުގައި ގޭގައި ތިބެގެން މަސައްކަތް ކުރަމުންދާއިރު، މިނިސްޓްރީގެ ދާއިރާގެ ތެރޭގައި ހުރި އެކި ކަންކަން ތަރައްޤީކޮށް ކުރިއެރުވުމަށް ހަދަންޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީގެ ދާއިރާގެ ތެރެއިން ހޭލުންތެރިކަން އިތުރު ކުރުމަށާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އޮންލައިން ޕްރޮގްރާމްތަކާއި ލެކްޗަރތައް ކުރިއަށްދާކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ދިވެހިބަހުގެ އެކެޑަމީން މިހާތަނަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފައިވާ، އަދި މިހާރު ކުރިއަށްގެންދާ ކޯސްތަކާއި، އާދީއްތަ ދުވަހުގެރޭ ޤައުމީ ކުތުބުޚާނާއިން ފެށުމަށް ހަމަޖެހިފައިވާ އޮންލައިން ކޯސްތަކުގެ މަޢުލޫމާތު މަޖިލީހުގެ ކޮމިޓީއަށް ޙިއްސާކޮށްފައެވެ.

މި ދަނޑިވަޅުގައި އާމްދަނީ ހޯދުމުގައި ފަންނާނުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ދުރާލައި މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ އެކިއެކި އެހީގެ ސްކީމްތަކުގެ ތެރެއިން ފަންނާނުންނަށް އެހީ ވެވެމުންދާ ކަމަށެވެ. މީގެ އިތުރުން އޮލިމްޕަސް ބަންދުކުރުމާއި ގުޅިގެން ފިލްމީ ދާއިރާ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައިވާތީ، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އެހީވުމަށާއި، އެ ދާއިރާ އަލުން ކޮޅަށް ޖެހުމަށް، ޓީވީ ޗެނަލްތަކާއި މަޝްވަރާ ކުރުމަށް ނިންމަވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޮންލައިން ސްޓްރީމިންގ މަންސަތައް މެދުވެރިކޮށް ފަންނުވެރި އުފެއްދުންތައް އާންމުކޮށް، އެއިން ފަންނާނުންނަށް ފައިދާވާނެ ވިޔަފާރީގެ މޮޑިއުލްއެއް ހަރުދަނާކުރުމުގެ މުހިއްމުކަންވެސް މިނިސްޓްރީގެ އިސް ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޟާމް

01-Jun-2020

ކޮން ކަމެށް އަޅޭ



ޓްރެންޑިން