މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް
މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް
ރައްޔިތުންނަށް ދިމާވާ ކޮންމެ ދަތި ކަމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަބަދުވެސް ރައްޔިތުންނަށް ހައްލު ހޯއްދަވައިދެއްވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސާކަމުގެ މަގާމަށް ވާދަކުރައްވާ ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

މި ދުވަސްކޮޅު ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސްވެރިކަން ރަނގަޅުވެ މަސްކިރޭނެގޮތެއް ނެތިފައި ވަނިކޮށް އެކަން ހައްލުކޮށްދެއްވައި މަސްވެރިން ބޭނި ހުރިހާ މަހެއް ގަންނަން ސަރުކާރުން ނިންމުމާއި ގުޅިގެން ރޮޒޭނާ މިއަދު ވިދާޅުވީ، ސަރުކާރުން ކޮށްދޭ އެފަދަ ކަންކަމަކީ ބަޔަކު ދެކެ ބިރުން ނުވަތަ މަޖުބޫރު ވެގެން ކުރައްވާ ކަމެއް ނޫން ކަމަށެވެ. ރޮޒޭނާ ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުންގެ ރައީސެއްކަމަށާއި އެހެންވީމާ އެމަނިކުފާނު ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށެވެ.

މީގެ އިތުރުން މަސްގަންނަ ބޯޓެއް ސަރުކާރުން ގެނައުމާއި ގުޅިގެން އެކަމުގެ ކުރެޑިޓް ވެސް އެހެން ބަޔަކު ނަގަން އުޅޭކަމުގެ ތުހުމަތު ރޮޒޭނާ ވަނީ ކުރައްވާފައެވެ.

"ކޮންމެ ކަމެއްގެ ހައްލު ސަރުކާރުން ހޯއްދަވާ އެކަން އިމްޕްލިމެންޓް ކުރަންވާއިރަށް ބަޔަކު މޮޅު ވާހަކައެއް ދައްކާލާފައި އެކަންކުރީ ތިމަންނާމެން ކަމަށް އެބަ ހެދިގަނޭ. މި ބޯޓުތައް މަޖިލީހުން އެއްޗެއް ބުނިތަނާ މަތިން ވެއްޓުނީތޯ؟ ކުރިން ޕްލޭން ކުރެވިފައި އޮތީމަ އާދެވުނީ." ރޮޒޭނާ ވިދާޅުވިއެވެ.



ރޮޒޭނާ މިފަދައިން ވިދާޅުވެފައި މިވަނީ، މަސްގަތުމުގެ މައްސަލައަށް ހައްލު ހޯދައިދީ ރާއްޖޭގެ މަސްވެރިން ބޭނުންވާ ގޮތަށް ކަންކަން ފަހިވެގެން ދިޔައީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މަޖިލިސް މެންބަރުން ވަކާލާތު ކުރަށްވައި އަޑު އުފުއްލަވައިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން އެކަމުގެ ކްރިޑިޓް ނުވަތަ ފައިދާ ނަގަން މަސައްކަތް ކުރާތީ އެކަމަށް ރައްދު ދެއްވަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު