ޕަބްލިކް ސާވިސް މީޑިއާއިން އައްޑޫ ބަހުރުވައިން ޚަބަރު ހުށައެޅުމުން އެކަމަށް ފާޑު ވިދާލުވުމުން ހޫނުފެނަށް ވެއްޓުނު ދިވެހި ބަހުގެ އުސްތާޒު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު، އަޒީބެގެ ފިކުރާ ދެކޮޅަށް ރައީސް މައުމޫން ވެސް ވާހަކަފުޅު ދައްކަވައިފިއެވެ.

ކުރީގެ ރައީސް އަދި ބަހުގެ އުޞްތާޛެއްކަމަށްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ބަހުރުވަތަކުން ވާހަކަދެއްކިނަމަވެސް އެއީ ހަމަ ދިވެހި ބަސްކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ދައުލަތުގެ މީޑިއާގެ ހަބަރު ޗެނަލް، ޕީއެސްއެމް ނިއުސްއިން އައްޑޫ ބަހުރަވައިން ހަބަރު ގެނެސްދޭން ފެށުމުން، ކުރީގެ މަޖިލިސް މެމްބަރު އަދި ބަހުގެ އުޞްތާޛެއްކަމަށްވާ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު (އަޒީބެ) އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަށްވައި ފާޑުވިދާޅުވުމުން އަޒީބެ ހޫނުފެނަށް ވެއްޓިފައި ވަނިކޮށެވެ. އެގޮތުން ޢަޒީބެ ނޫހެއްގައި ލިޔުއްވި މަޒުމޫނެއްގައި އައްޑޫ ބަހުރަވައިން ހަބަރު ގެނެސްދިނުމަކީ ނުރައްކާތެރިކަމެއްގެ ގޮތުގައި ސިފަކުރެއްވުމުން ގިނަބަޔަކު އަންނަނީ އަޒީބެއަށް ފާޑުކިޔައި ބަހުގެ ހަމަލާތައް ދެމުންނެވެ.

"މުޅި ރާއްޖެއަށް ނިސްބަތްވާ ދައުލަތުގެ މީޑިއާއިން މުޅި ރާއްޖެއަށް ޢާންމުކުރައްވައި ވަކި ޚާއްޞަ، އެއް ބަހުރުވައަކުން ޚަބަރު ދުރަށް ފޮނުވުމަކީ މައްސަލައެއް" އަޒީބެ ލިޔުއްވާފައިވެއެވެ.

އަޒީބެގެ މި ޚިޔާލާ ގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ އެއީ ވަރަށް ނާތަހުޒީބީ، އަދި ނަސްލީ ގޮތުން ތަފާތުކުރުންފަދަ ވިސްނުމެއްކަމަށެވެ.

އާއްމުންގެ އިތުރުން ބަހުގެ އުޞްތާޛުންނާއި ސިޔާސީ ވެރިންވެސް ދަނީ އެކަމާއި ގުޅިގެން ޝުއޫރު ފާޅުކުރަމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ރާއްޖޭގެ އެކިއަތޮޅުތަކުގައި އެކިބަހުރުވައިން ވާހަކަ ދައްކައި އުޅުނެއްކަމަކު އެއީ ހަމަ ދިވެހިބަސްކަމަށެވެ. އަދި އެއީ ތަފާތު ބަސް ބަހެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



ދިވެހި ތާރީހާއި ސަގާފަތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ނާޖިހު ދީދީ ވިދާޅުވީ ‏ގައުމީ ޓީވީ އަކީ ހުރިހާ ދިވެހީންގެ ބަހާއި ބަހުރުވައާއި އާދަކާދައާއި ސަގާފަތްތައް ދިރުވައި އާލާކުރާ ވަސީލަތަކަށް ވާންޖެހޭކަމަށެވެ.

"ތާރީޚުން އެއްމެ ދުވަހަކު އައްޑޫ ދިވެހީންގެ ބަހުރުވައިން ޚަބަރު ކީތީ ހަޖަމުނުކުރެވިގެން މާ އިލްމީ ކަމަށް ދައްކައިގެން މިވަރުގެ ތައައްސުބީ ލިޔުމެއް މި ލިޔުނީ." އަޒީބެ ލިޔުއްވި މަޒްމޫނަށް ފާޑު ވިދާޅުވަމުން ނާޖިހު ވިދާޅުވިއެވެ.

އަޒީބެ ލިޔުއްވި މަޒްމޫނާއެކު އޭނާ ހޫނު ފެނަށް ވެއްޓިފައިވާއިރު، މީހާބޮޑަށް އަޒީބެއަށް ފާޑުކިޔުން އަމާޒުވީ ބަހުގެ އެދުރަކަށްވެ ހުރެ މިފަދަ ވާހަކަތަކެއް ދެއްކެވުމުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު