ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު
ޤާނޫނު އަސާސީ އިސްލާހު ކުރުމާއި ދެކޮޅަށް މަސައްކަތް ކުރައްވާ އިދިކޮޅު ފަރާތުގެ ދައުރު ކުޅުއްވަނީ ސީދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މިހާރު އިޢުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބު ނުބޭއްވި މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެކަމަށް ގާނޫނީ ފަރުވާއެއް ހޯދަން ސަރުކާރުން ވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. މިކަމުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ސުޕްރީމް ކޯޓުންވެސް ވަނީ ލަފައެއް ހޯދާފައެވެ. ސުޕްރީމް ކޯޓުގެ ލަފައަށްފަހު ގާނޫނު އަސާސީއަށް އެމްޑީޕީން ގެނައި އިސްލާހުތައް ފާސް ކުރުމަށް މިއަދު ވޯޓަށް ނޭއްސެވީ އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އެކަމަށް އެއްބާރުލުން ނުދީގެން ކަމަށް މަޖިލީހުގެ ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި "ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ޝިޔާމު ވިދާޅުވީ 31 މާރޗް ގައި ބިލެއްދޫ ދާއިރާގެ މެންބަރު ހުށައެޅުއްވި ބިލެއްގެ މަސައްކަތް މިހާހިސާބަށް އައި އިރުވެސް، މަޖިލީހުގައި ސުޕަ މެޖޯރިޓީއޮވެމެ އެކަން ނުނިމި ދިގުލައިގެން ދިއުމަކީ ބޮޑު ޖޯކެއްކަމަށެވެ.

"ގަސްތުގައި ރައީސް ނަޝީދު މިމައްސަލަ ނުނިންމައި ދިގު ދަންމަމުން އެގެންދަވަނީ ބާރު ދައްކަވަން. އެހެން ދެން ކޮން ކަމެއްތޯ؟ އެބުނާ އިދިކޮޅުގައި ތިބި އެންމެ 9 ވަރަކަށް މެންބަރުންނަށް ކޮން ހުރަހެއްތޯ އެޅޭނީ؟ ގާނޫނު އަސާސީ އިސްލާހު ކުރުމޭ ކިޔައިގެން ނަޝީދު އެދައްކަވާ ވާހަކަތައް ރައްޔިތުން ގަބޫލު ކުރާނީ ކިހިނެއްތޯ؟" ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، މިމައްސަލައިގައި އޮތް ހައްލަކީ ސުޕްރީމް ކޯޓުގެ ލަފާހޯދައިގެން ކުރިއަށް ދިއުންކަން އެއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިދިކޮޅުން ދައްކަމުން އައި ވާހަކައެއް ކަމަށެވެ.

"ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން ދަންވަމުން މިގެންދަނީ މިކަމުގައި އޮތް ހައްލަކީ ސްޕްރީމް ކޯޓުގެ ލަފަޔާއި އެކުގައި ކުރިއަށް ދިއުމޭ، ގާނޫނު އަސާސީ އިސްލާހު ކުރެއްވުމޭ ހައްލަކީ. މިކަމުގައި އިދިކޮޅުން ހުރަސް އަޅާ ވާހަކަ އެ ދައްކަވަނީ ކޮންމާނައެއްގައި، ކޮން ގޮތަކަށް ހުރަސްއަޅާ ވާހަކަތޯ އެވިދާޅުވަނީ؟ މިއީ ގަސްތުގައި ރައީސް ނަޝީދު ނިންމިޔަ ނުދީގެން އުޅޭ ކަމެއް." ނައިފަރު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ މިކަމުން ވެސް ފެނިގެން ދަނީ މަޖިލީހުގެ ރައީސްގެ ޚުދުމުޚުތާރުކަން ކަމުގައެވެ. "ހަގީގަތުގައި ގާނޫނު އަސާސީ އިސްލާހު ކުރާކަން ރައީސް ނަޝީދު ބޭނުމެއް ނުވާ" ކަމުގައި ޝިޔާމު ވިދާޅުވިއެވެ. އެހެންވީމާ މިކަމުގައި އިދިކޮޅުގެ ދައުރު އެ ކުޅުއްވަނީ ސީދާ ރައީސް ނަޝީދު ކަމުގައި ޝިޔާމު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމާ އެތައް ފަހަރެއްގެ މަތިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެވަޑައިގެންފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެކޮޅު ހައްދަވައިފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މިއަދު ވަނީ އިސްލާހުތައް ފާސް ކުރުމަށް ވޯޓަށް އެހުން ފަސްކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން