ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކުރަށްވައި، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

ދިވެހި ރައްޔިތުންނާއި މުހާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު މިރޭ ވިދާޅުވީ ކޯވިޑުގެ އަޑިގަނޑުން އަރައިގަނެ ހިންދެމިލާއިރު، ވަރަށް ނުރައްކާތެރި ބަނަ ވިލާގަނޑެއް އަނެއްކާވެސް އަންނަނީ އަޅުގަނޑުމެންގެ ބޯމައްޗަށް އަރަމުންކަމަށެވެ.

"އާދެ، ރަޝިޔާއިން ޔޫކްރޭންގައި ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ. އެ ހަނގުރާމައިގެ ލޮޅުންތައް އެދަނީ މުޅި ދުނިޔެއަށް ގުޑުން އަރުވަމުން. ހަނގުރާމަ އެ ހިނގަނީ ރާއްޖެއާ އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނގުރާމަ އެ ހިނގަނީ ރާއްޖެއާ އެތައް މޭލެއް ދުރުން ވިލާތުގެ ބައްރުގައިކަމަށް ވިޔަސް، އެ ހަނގުރާމައިން އުފެދޭ އިޤްތިޞާދީ ލޮޅުންތައް، ދުރާއި ގާތުގައިވާ ހުރިހާ ޤައުމަކަށް އެބަ ފޯރާކަމަށެވެ. އަދި އެކަމުގެ ލޮޅުންތައް ރާއްޖެއަށްވެސް ފޯރަން ފަށައިފިކަމަށާއި ރަޝިޔާއާއި ޔޫކްރެއިނަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމުކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޔޫކްރެއިން މައްސަލައިގައި ރާއްޖޭގެ ވިސްނުން ވަރަށް ސާފު. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ، ކޮންމެ ޤައުމެއްގެވެސް މިނިވަންކަމާއި ސިޔާދަތަށް ޙުރްމަތްތެރިކޮށްހިތުމުގެ މައްޗަށް. މިއީ، އ.ދ. ގެ ޗާޓަރުގައި ކަޅާއި ހުދުން ކަނޑާނެގިފައިވާ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ބިންގާ. ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން މި އަންނަނީ، އެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓަން. މިއީ އަޅުގަނޑުމެން ޤަބޫލުކުރާ ހަމަ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަޝިއާއިން ޔޫކްރޭއިނަށް އަރައިގަތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލައި ޔޫކްރެއިނުން ފޭބުމަށް، މިމަހުގެ 2 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުގައި، 141 ޤައުމުން ގޮވައިލި ގޮވައިލުމުގައި ބައިވެރިވެ ދިވެހިރާއްޖެ ވަނީ، ކުދި އަދި ނިސްބަތުން ބާރު ދަށް ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް، ރާއްޖެއިން އުފުލަމުން އަންނަ އަޑު އަނެއްކާވެސް ތަކުރާރުކޮށްފައިކަމަށެވެ.

"މިއީ ޔޫކްރެއިންގެ ރައްޔިތުންނަށް ވަރަށް ހިތްދަތި ވަގުތުތަކެއް. އެމީހުންނަށް ލިބެމުންދާ އަނިޔާތަކާމެދު ހަމްދަރުދީވަން. ދެފަރާތުގެ މެދުގައި ހުރި ދެބަސްވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި، ދެ ފަރާތުންވެސް މަޝްވަރާގެ މޭޒުދޮށަށް އެނބުރި އައުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވައިލާ ގޮވައިލުން ދިވެހިރާއްޖެއިންވެސް ތަކުރާރުކުރަން" ރައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ މި ހަނގުރާމަ ކޮންމެ ދުވަހަކުން ކޮންމެ ގޮތަކަށް ނިމުނަސް، ޔޫކްރެއިން މިހާރު އޮތް ޙާލަތުން އަރައިގަތުމަށް އަހަރުތަކެއް ނަގާނެކަމަށެވެ. އަދި މި ހަނގުރާމައިން ދުނިޔޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތައް ފޫބައްދަންވެސް އެހާ ދުވަސް ނަގާނެކަމަށާއި އެހެންކަމުން، ޔޫކްރެއިން މައްސަލައާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން މި އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ކަމަކީ، މި ހަނގުރާމައިގެ އަސަރުކުރާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން، މިވަގުތު ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދިޔުން. އަނެއް ކަމަކީ، ޔޫކްރެއިނުން އެނބުރި އައި ދިވެހި ދަރިވަރުންނަށް އަލުން އެ ޤައުމަށް ދެވޭނެ ދުވަހެއް ޔަޤީންނުވާތީ، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރެވޭނެ ގޮތެއް ހޯދައިދިނުން. އެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގުޅިގެން މިހާރު އަންނަނީ ކުރަމުން" ރައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ މި ހަނގުރާމަ ދިގުދެމިގެން ގޮސް، އެންމެ ގޯސް ޙާލަތަކަށް ކަންތައް ހިނގައްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތަކުގެ އަންދާޒާއެއް ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންކަމަށެވެ. އަދި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް ދިރާސާކޮށް، ފަތުރުވެރިކަމަށް އިތުރު މާރކެޓްތައް ހޯދުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އިން މިހާރު އެ އަންނަނީ ކުރަމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު