ކޯވިޑް-19 އާއި ގުޅިގެން އިޢުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ގައުމާއި މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މީގެ ދެ އަހަރު ކުރިން،، 2020 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު، ރާއްޖޭގައި ފުރަތަމަފަހަރަށް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރިކަމަށެވެ. އަދި އެއީ މުޅި ދުނިޔެއަށް އޭރު ފެތުރެމުންދިޔަ ކޯވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ފެތުރެން ފެށުމާ ގުޅިގެން، އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯވިޑާއެކު މި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ދަތިތަކާއި އުނދަގޫތައް އަޅުގަނޑުމެން ތަޙައްމަލްކޮށްފިން. ކޯވިޑުގެ ގެއްލުންތައް ސީދާގޮތުންނާއި ނުސީދާގޮތުން ނުފޯރާ އެންމެ ޢާއިލާއެއްވެސް ރާއްޖޭގައި ނެތް. ކޯވިޑް ބަލީގެ ނުސީދާ އުނދަގޫތައް ތަޙައްމަލްކުރާ އެތައް ބަޔަކު މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. މި ބަލީގައި ރާއްޖެއިން މިހާތަނަށް

297 މީހުން މި ދުނިޔެ ދޫކޮށްފި." ރައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނުކަމަށެވެ. އެކަމުގެ ނަތީޖާއަކަށްވީ، ކޯވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނި، އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތައް އަވަހަށް ފެށުމަށް މަގުފަހިވުންކަމަށް ރައީސް ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ކޯވިޑްގެ ވަބާއީ ޙާލަތަށް އިޖާބަ ދިނުމުގައި ރާއްޖެއިންވެސް މިހާރު އަމާޒު ހިފާފައިވަނީ، ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި، އެނދުމަތިކުރަންޖެހޭ މީހުންނާއި، މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް. އަދި ކޯވިޑް-19އާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ޙާލަތު ބަލަހައްޓަމުން ގެންދިޔުމަށް." ރައީސް ވިދާޅުވިއެވެެ

ރައީސް ވިދާޅުވީ މިކަންކަމާއި ގުޅިގެން، ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިޢުލާނު ކުރަމުން އައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ޞިއްޙީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. އަދި ދެން ޢަމަލުކުރަމުންދާނެ ގޮތުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީން ޢާންމު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ކޯވިޑުގެ ޙާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެކަމަށާއި ރާއްޖޭގައި ފެތުރެނީ ކޯވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރުވަނީ ރާއްޖޭގައި ޤާއިމުކޮށްފައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބަދަލުތައް ދެނެގަނެ، ޙާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު