ރާއްޖޭގައި ކޯވިޑް-19 ފެތުރޭ ނިސްބަތް 3.8 އިން 1.4 އަށް ދަށް ކުރެވިއްޖެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިރޭ އެންއޯސީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ރާއްޖޭގައި ކޯވިޑް ޖެހޭ މީހުން 3.8 އިން 1.4 އަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި އެކަކު އަނެކަކާއި ބައްދަލުކުރެވޭ ނިސްބަތް 33 މީހުންނާއި ހިސާބުން 6 މީހުންނަށް ދަށްކުރެވިފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ، ބަލި ފެންނަ މިންވަރާއި، އަލާމާތްތައް ފެނި ފްލޫ ކުލިނިކަށް ދައްކައި ހެދޭ ޓެސްޓްތަކުގެ ނަތީޖާ ނެގެޓިވްވެ ބަލި ފެތުރޭ މިންވަރު މަދުވަމުން އަންނަ ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމާއި އެކު މާލޭ ސިޓީ ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަކާއި ބަލި ފެތުރުމުގެ ކުރިން ދުރާލާ އެޅި ފިޔަވަޅުތަކުގެ ނަތީޖާ މިއަދު ފެނިއްޖެ ކަމަށެވެ. އެ ނަތީޖާއަށް ބަލައި މާލޭގެ ލޮކްޑައުންއަށް ލުއި ދިނުން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަލީ ލަތީފް ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވާ ރޭޓް ދަނީ ދަށަށްކަމަށާއި ލުއިތައް ދޭއިރު ވަރަށް ބޮޑެތި ތައްޔާރީތަކެއް ވެފައިވާކަމަށެވެ. އެގޮތުން، މިހާރު ގިނަ ކޭސްތައް ފެނިއްޖެނަމަ އެޑްމިޓް ކޮށްގެން ފަރުވާ ދެވޭނެކަމަށް ޑރ އަލީ ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރަށް މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރައިވެޓް ހޮސްޕިޓަލުތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން