ކަރަންޓް ޝޮކް ދޭ ބަޑި
ކަރަންޓް ޝޮކް ދޭ ބަޑި
ރާއްޖޭގައި ކުށްކުރާ ފަރާތްތަކުގެ އަނިޔާވެރިކަމަށް ބަލާއިރު ލެސް ލީތަލް ހަތިޔާރު ނުވަތަ ކަރަންޓް ޝޮކް ދޭ ބަޑި ފުލުހުން ބޭނުންކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވީ ކުށްކުރާ މީހުންގެ ފަރާތުން ފެންނަ އަނިޔާވެރިކަމަށް ބަލާއިރު، މިހާރަށްވުރެ އިތުރު ބާރު ފުލުހުންނަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ވިސްނުމަކީ އިލެކްޓްރިކް ޝޮކް ދޭ ބަޑި ބޭނުންކުރުން ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި ކުރިއަށްދާނީ ހުރިހާ ފަރާތްތަކެއްގެ ވިސްނުމާއި މަޝްވަރާއާ އެކުގައި ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކަރަންޓު ޝޮކް ދޭ ބަޑި ބޭނުންކުރުމުގައި އާއްމުންގެ ގިނަ ކަންބޮޑުވުމެއް އޮތީ، ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ އެއްވުންތަކާއި ހަރަކާތްތައް ރޫޅާލުމުގައި ފުލުހުންގެ ފަރާތުން ފެނިފައި ހުރި ބައެއް ކަންކަމާ ގުޅިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެ ބަޑި އަކީ ގިނަ ބަޔަކު އެއްވެ އުޅޭއިރު ބޭނުންކުރާ އެއްޗެއް ނޫން ކަން ސީޕީ ފާހަގަކުރެއްވިއެވެ.

އޭގެ ބަދަލުގައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ވަކި ފަރުދުންނަށް ނުވަތަ ފުލުހެއްގެ ފުރާނަ އަށް ނުރައްކާވާވަރުގެ އަނިޔާއެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި ކަރަންޓް ޝޮކް ދޭ ބަޑި ބޭނުންކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި އެ ވަސީލަތް ބޭނުންކުރަމުން އަންނަ ކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ދުނިޔޭގެ 18،000 އަށްވުރެ ގިނަ އެޖެންސީތަކުގައި އޭގެ 850،000 އަށް ވުރެ ގިނަ ޑިވައިސް ބޭނުންކުރަމުންދާ ކަމަށެވެ. ބަޑި ނެގުމާ އެކު ކެމެރާ މަސައްކަތްކުރާނެ ކަމަށާއި ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ވަސީލަތް ހިމެނޭ އެ ބަޑި ބޭނުންކުރި މީހާ ވެސް ދެނެގަނެވޭނެކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރި 32 މައްސަލަ އެއްގައި ކުރިން ފިޔަވަޅު އަޅާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ފުލުހުން މިހާރު ބޭނުންކުރަން ނިއްމާފައިވާ އެ ބަޑިއަކީ ކޮންމެ ފުލުހަކު ބޭނުންކުރާނެ އެއްޗެއް ނޫންކަމަށާއި އެ ދޭނީ ހާއްސަ ތަމްރީނުތަކެއް ދީ އެކަމުގެ ތަޖުރިބާކޮށްފައި ހުރި މީހަކަށް ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

"މުޖުތަމައުގައި ތިބި މީހުން އަދި ބޭރު މީހުން ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ޕޮލިސް ސާވިސްއެއްގެ ހައިސިއްޔަތުން އެ ނުރައްކާތަކާ ކުރިމަތިލުމަށްޓަކައި އަޅުގަނޑުމެންނަށް އެ ވަސީލަތްތައް ނުވަތަ އެ ޓޫލްސްތައް ލިިބެންޖެހޭ." ކޮމިޝަނަރ ވިދާޅުވިއެވެ.

ބޮޑީ ކެމެރާއާ އެކު ޝޮކް ދޭ ބަޑި ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ ހަފުތާގައި ފުލުހުން އިއުލާނުކުރުމާ އެކު ގިނަ ބަޔަކު ޝޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެމައްސަލަ ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން