ލައިސަންސް ނެގުމަށް ހުޅުމާލޭގައި ހެދި ތަން ބޭނުންކުރަންފަށައިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ލައިސެންސް ނަގަން ބޭނުންވާ މީހުން ފަރިތަކުރުމާއި ޑްރައިވިން ޓެސްޓުތައް އިއްޔެއާ ހަމައަށް ވެސް ކުރިއަށް ގެންދިޔައީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކަމަށާއި، އެކަމަކު ތިލަމާލެ ބްރިޖުގެ މަސައްކަތްތައް އެ ސަރަހައްދުގައި ކުރުމަށް އެތަން ބަންދުކޮށްފައިވާތީ ހުޅުމާލޭގައި މިއަދު ޓެސްޓްތައް ހަދަން ފަށާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހެދި ޑްރައިވިން ޓެސްޓް ހަދާ ސަރަހައްދުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެެވެ. އެތަނުގެ މަސައްކަތް އެކީ ނިމޭއިރު ދެ ފާހާނާ އާއި ވެއިޓިން އޭރިއާ ވެސް ގާއިމުކުރެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ލައިސެންސް ނަގަން ދުއްވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހުޅުމާލެ ފިތުރޯނުގަސް މަގުގައި ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް މީގެ ކުރިން ވަނީ ލައިސެންސް ނަގަން ކުރިން ބޭނުންކުރާ ސަރަހައްދުގައި ގިނަ ދަތިތަކެއް ހުރިކަން ފާހަގަަކުރައްވާފައެވެ. އަދި ހުޅުމާލޭ ރެނާޓަސް އެޕާޓްމަންޓް ބިލްޑިންގްގެ ކުރިމައްޗަށްވާ ގޮތަށް އޮންނަ ހުސް ބިމުގައި ހެދި ތަނުން އެ ހުރިހާ މައްސަލައަކަށް ވެސް ހައްލު ލިބޭނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު