ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާ ދޭނީ އެޕާޓީގެ މީހުންނަށް އެކަނި ކަމަށް އިދިކޮޅު ލީޑަރު ރައީސް އަބުދު ﷲ ޔާމިން ވިދާޅުވުމުން އެމަނިކުފާނަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަށްވާ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީއަށް ތާއީދު ހޯދުމަށް މާލޭގައި ދިރިއުޅޭ ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ސަރުކާރުގެ ކުންފުނިތަކާއި މުވައްސަސާތަކުގެ ވަޒީފާތަކަށް ނަގާނީ ހަމައެކަނި "ޕީޕީއެމް ކުދިން" ކަމަށެވެ.

"އެހެން ބަޔަކަށް ޖާގައެއް ނޯންނާނެ. އަދި އޭގެން ޖާގަ ދޭނަން މިހާރު އަޅުގަނޑުމެންނާއެކު މަސައްކަތްކުރާ މީހުންނަށް." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މި ވާހަަކަފުޅާ ގުޅިގެން ޝޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑުކިޔާފައެެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ އިސްބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ހިމެނެއެެވެ.

ރައީސް ޔާމީންގެ މިވާހަކަފުޅަށް ރައްދު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެއީ ވެރިކަން ކޮށްފައި ހުރި މީހަކު ދައްކަން ނުވާވަރުގެ ނާތަހުޒީބު ވާހަކައެއް ކަމަށެވެ.





އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރި މީހަކު ބުނީ ވަޒީފާ އަކީ ވަކި ސިޔާސީ ޕާޓީއަކަަށް ނިސްބަތްވާތީ ދޭންޖެހޭ އެއްޗެއް ނޫން ކަމަށެވެ. މިއަދު ވެރިކަމުގައި ތިބި ފަރާތުން ވެސް ކަން ކުރަމުންދަނީ އެބީދައިން ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި ޕާޓީ ކުދިންނަށް ބަރިބަރިއަށް ވަޒީފާ ދޭން ސިޔާސީ މަގާމުތައް އުފައްދާ ވާހަަކަ ދައްކާލަންޖެހޭ ކަމަށްވެސް އެކަމާ ގުޅިގެން ޝުއޫރު ފާޅުކުރި މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ ވެރިކަމަށް މީހަކު އަންނަނީ ވަކި ޕާޓީއެއްގެ މީހުން ވޯޓް ދީގެން ނޫން ކަމަށާއި، ގާބިލް ކަން ހުރި ނަމަވެސް ކޮންމެ ޕާޓީއެއްގައި ހުއްޓަސް ވަޒީފާ ލިބުމުގެ ހައްގުން މަހުރޫމް ކޮށްގެން ނުވާނެ ކަަމަށެވެ.

އެކަމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ އަދުރޭ މިއަދު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާދޭނީ އެންމެ ގާބިލު މީހުންނަށް ކަމަށާއި، ގާބިލު މީހުން ލިބެން ތިބި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.

ޕީޕީއެމްގެ ރައީސް ޔާމީން ރޭ މާލޭގައި ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު މީޑިއާ ތަކުގައި ފަތުރަނީ "ގޮތްގޮތަށް އަނބުރައިގެން" ކަމުގައި ބެލެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަމަށް އަންނަނީ ޕާޓީއެއްގެ ސިޔާސަތު ތަންފީޒުކުރަން ކަމަށާއި އެ ސިޔާސަތުތައް އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭނީ އެ ފިކުރުގެ މީހުން ސިޔާސީ މަގާމުތަކުގައި ތިބެގެން ކަމަށެވެ. ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ ވަޒީފާތައް ލިބެނީ އެއިރު ވެރިކަމެއްގައި އޮންނަ ޕާޓީއެއްގެ މެންބަރުންނަށް ކަމުގައި އަދުރޭ ވިދާޅުވިއެވެ.

ވަޒީފާ ދިނުމުގައި ޕާޓީ އިސްކުރާ ކަމުގެ ޝަކުވާގެ އަޑުތައް އިތުރުވެފައިވާއިރު މި ސަރުކާރުން ވަޒީފާ ދިނުމުގައި ވަކި ކުލައަކަށް ނުބައްލަވާނެކަމަށް ރައީސް ސާލިޙު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މި ސަރުކާރުގެ 90 އިންސައްތަ ވަޒީފާ ދީފައިވަނީ އެމްޑީޕީގެ މެމްބަރުންނަށް ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު