ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި އަލިފާން ރޯވިކަމަށް ބުނާ ވާހަކަތައް އައިލެންޑް އޭވިއޭޝަނުން ދޮގުކޮށްފިއެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަން ބުނީ ހަނިމާދޫން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ބޯޓަކުން ދުން އެރުމުގެ ހާދިސާއެއް ހިނގިކަމަށެވެ. ނަމަވެސް އެ ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފައި ނުވާކަމަށް އެކުންފުނިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ބޯޓުން ދުން އަރާފައިވަނީ ޕައިލެޓުން ތިބޭ ކޮކްޕިޓްގެ "ވިންޑްޝީލްޑް ފެއިލިއަރ" އަކާ ގުޅިގެން ހިނގި ޝޯޓެއްގެ ސަބަބުންކަމަށް ބެލެވޭކަމަށެވެ. އަދި މޯލްޑިވިއަންގެ އިންޖިނިއަރިންގ ޓީމުން މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ މި ހާދިސާ ހިނގާފައިވަނީ ބޯޓު ނައްޓާލަން ތައްރާރުވެ، އޭޕްރަންގައި އޮއްވައެވެ. އަދި ހާދިސާ ހިނގުމާއެކު މޯލްޑިވިއަނުން ވަނީ ވަގުތުން ބޯޓުން މީހުން ހުސްކޮށްފައެވެ. އަދި ނުފުރިފަ ތިބި މީހުން، ފުރުވުމުގެ އިންތިޒާމްތައްވެސް އެކުންފުނިން ހަމަޖައްސައިދިނެވެ.

ގައުމީ އެއާލައިންގެ ބޯޓެއްގައި މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގައިފައި ވާއިރު ކުންފުނިން ދުއްވާ ބޯޓުތައް ސާރވިސް ނުކުރެވި ގްރައުންޑް ކޮށްފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު