ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

ބްލޮގަރު ޔާމީން މަރާލާފައިވަނީ އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ތެރޭގައެވެ. ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށް ދައުވާ ކޮށްފައެވެ. އެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ނިއްމާލާފައެެވެ. އެ މައްސަލާގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދި ޔާމީންގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ ކުށް ސާބިތުވާ މީހުންގެ މައްޗަށް މަރަށް ހުކުމްކުރާނެއެވެ. އަދި އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފި ނަމަ އަންނާނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަން ފާހަަގަކޮށްލެވެއެެވެ.

އެ މައްސަލާގެ ހުކުމް މާދަމާ އިއްވަން ތާވަލްކުރިއިރު އެ މައްސަލާގެ ހުކުމް މިދިޔަ މަހު އިއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރިއެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމުން އެކަން ވަނީ ކެންސަލްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު