އަންނަމަހުގެ 5 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާ ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ކޮމަންޑޫ ކައިރީގައި އޮންނަ 3 ރަށެއްގައި ރިސޯޓު ހަދަން ސަރުކާރުން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގަ (ދިގުވެލިދޫގަ) އެވެ. ޖުމްލަ 1.2 މިލިއަން ރުފިޔާއަށް ދޫކުރާ މި ތިން ރަށުގައި 19 ހެކްޓަރު ހުންނާނެއެވެ.

މީގެ ތެރެއިން ދިގުވެލިދޫއަކީ ރައީސް ޔާމީންގެ ވެރިކަމެއްގައި އެއަރޕޯޓެއް އަޅަން ވައުދުވެވަޑައިގެންފައިވާ ރަށެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ނިންމި ރަށްތައް އިތުރުކޮށްފައިވަނީ ސަރުކާރުން މިދިޔަ އޮކްޓޫބަރުމަހު ރިސޯޓް ހަދަން ސަރުކާރުން އިއުލާންކުރި ރަށްތަކުގެ ލިސްޓަށެވެ. މި ލިސްޓުގައި މީގެކުރިން 18 ރަށެއް ހިމެނެއެވެ. ނަމަވެސް މި ރަށްތަކަށް މާބޮޑު ޑިމާންޑެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.



ބައި އިލެކްޝަނާއި ދިމާކޮށް ކޮމަންޑޫ ކައިރީގައި 3 ރިސޯޓް ހަދަން ހުޅުވާލާފައިވާއިރު، ކޮމަންޑޫ ދާއިރާގެ ތަރައްްޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ސަރުކާރުން ވަނީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފަށާފައެވެ. އޭގެތެރޭގައި މަތި ކޮމަންޑޫއާއި ކޮމަންޑޫއާ ގުޅާލުމަށް ބިން ހިއްކުމުގެ މަޝްރޫޢު ހިމެނެއެވެ.

ސަރުކާރުން ބުނާގޮތުން މި ޕްރޮޖެކްޓްތަކަކީ އިންތިހާބާއި ދިމާކޮށް ފަށާ މަސައްކަތްތަކެއް ނޫނެވެ. މިއީ ސަރުކާރުގެ ތަރައްގީގެ ޕްލޭންތަކުގައި ހިމެނޭ ކަންކަންކަމަށް ސަރުކާރުން ބުނެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަމަހުގެ 5 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން ވާދަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު