ކުރީގެ ރައީސް އަބުދު ﷲ ޔާމިން ހައްޔަރުކުރުމުގެ ބަދަލުގައި ހައްޔަރުކުރަންވީ ހީލަތްތެރިކޮށް ދަރިވަރުންގެ ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އެންގި މީހުން ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" އޭ ވިދާޅުވެ ފަތުރަމުން ގެންދަވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންކަން ކަމަށް ވިދާޅުވެ އެމަނިކުފާނު ހައްޔަރުކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ރޭ ވަނީ ގޮވާލައްވާފައެވެ.

އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މިގައުމުގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ވަކާލާތު ކުރުމަކީ ރައީސް ޔާމީން ހައްޔަރުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އިންޑިއާ ސިފައިން މިގައުމުން ބޭރުކުރާ ދުވަހަކުން އެމަނިކުފާނަށް ގާޒީއެއްގެ ލަގަބު ހައްގުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

"ހައްޔަރުކުރަންވީ ހީލަތްތެރިކޮށް ޓެކްސް ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އެންގި މީހުން." ރާއްޖޭގެ ތައުލީމީ ދާއިރާގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެެވެ.

ފޮތްތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރަން އުޅޭ ކަމުގެ ޚަބަރު ފެތުރުމް އެޑިއުކޭޝަނުން މީގެ ކުރިން ވަނީ އެކަން ދޮގުކޮށަފައެވެ. ނަމަވެސް މިދިޔަ ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކުރަށްވައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ސިޓީއެއްގައި ވަނީ ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރައްވާއިރު ގުރޭޑް އެކަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވައި އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވައި ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.

އެ ނިއްމުމާއި ގުޅިގެން ގިނަ ބަޔެެއްގެ ފާޑުކިޔުން އަމާޒުވެ ޕްރެޝަރަށް ވެއްޓުމުން ފަހުން މިނިސްޓްރީން ވަނީ އެ ސިޓީ ބާތިލްކޮށްފައެވެ. އަދި ފަހުން ބުނެފައިވަނީ ފޮތްތަކުގައި ހިމެނޭ އެފަދަ ކުށްތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު