ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން 2010 ގައި އިންޑިއާގެ ޓާޓާ ކުންފުންޏާއެކު އެމްޑީޕީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފި އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން 2010 ގައި ޓާޓާ ކުންފުންޏާއެކު އެމްޑީޕީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އަލުން ރުޖޫއަވެ ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޓާޓާގެ ފުރަތަމަ އެއްބަސްވުމުގައިވާ ގޮތަށް މާލޭގެ އޯޑިއޯނާއި ނާދީ ބިމުގެ އިތުރުން ލަގްޒަރީ ވިލާ އެޅުމުގެ ރަށެއް ދޭން އެއްބަސްވެ ސޮއިކުރީ އާބިޓްރޭޝަންގައި ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނަގަން އެއްބަސްވުމުންނެވެ.

މީގެ ކުރިން ޓާޓާއަށް ތަކުރާރުކޮށް މުއްދަތުތައް ދީގެން ވެސް އެއްބަސްވި ގޮތަށް ފްލެޓްތައް ނޭޅުމުން ޓާޓާއެކު ވެފައިވާ އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އުވާލާފައެވެ. އެއްބަސްވުން އުވާލުމުން މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ޓާޓާއިން ވަނީ ތިން ބިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށް އެދި ހުށައަޅާފައެވެ.

ކުރީގެ ސަރުކާރުގައި ވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ވަނީ މަސައްކަތް ކޮށްފައެވެ. އެއީ އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލަ ސަރުކާރާއި ދެކޮޅަށް ނިމިދާނެ ކަމަށް ލަފާކޮށެވެ. ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ޓާޓާއާއެކު މަޝްވަރާކޮށް އެ ކުންފުނިން ބޭނުންވި ބިންތައް ދީގެން މަޝްރޫއު ކުރިއަށް ގެންދަން ނިއްމާފައެވެ.

އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ގައި ހުޅުމާލެ އިން ދެ ބިމެއް ދޫކުރީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހިން ކަމަށެވެ. އެ ދެ ބިން ވެސް ދޫކޮށްފައި އޮތީ ފުރަތަމަ ފިޔަވަހީގައި އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްތައް ނުނިމެނީސްކަން ޕްލޭނިން މިނިސްޓްރީން އާންމުކުރި މައުލޫމާތުތަކުން ވަނީ ހާމަވެފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ކަރްގަވާލް 18 އެސްޖީ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި 150 ފްލެޓް އަދި 15 ލަގްޒަރީ ވިލާސް ފައިނޭންސްކޮށް ޑިވެލޮޕްކުރުމުގެ މަސައްކަތް ކުރުމަށް 19 މާޗް 2015 ގައި ސެންޑަލް މޮރިސަސް ޕްރައިވެޓް ލިމިޓެޑާއެކު ވަކި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

މި ގޮތުން ސެންޑަލް މޮރިސަސް ކުންފުނިން ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާ އަގެއްގައި ވިއްކުމަށް 120 ފްލެޓް އަދި ލަގްޒަރީ ފްލެޓުގެ ގޮތުގައި 30 ފްލެޓް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ހުޅުމާލޭގައި ސެންޑަލް މޮރިސަސް ކުންފުނިން ހިންގަނީ "ވަން ސެންޓްރަލް ޕާކް" އާއިި "ސޮލިޓެއާ" އެވެ.

މިދެ ޕްރޮޖެކްޓްގެ ވެސް ބިންގާ އަޅައި އޭގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ވަން ސެންޓްރަލް ޕާކްގެ ނަމުގައި އަޅާ އިމާރާތުގައި މެދު ފަންތީގެ މީހުންނަށް ހާއްސަކޮށް 120 އެޕާޓްމެންޓް އަޅާން ވަނީ ނިންމާފައެވެ. ސޮލިޓެއާ ޕްރޮޖެކްޓަކީ މަތީ ފަންތީީގެ ފްލެޓުގެ 10 ބުރީގެ އިމާރާތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުގައި ވެސް އެކި ފަހަރު މަތިން މަޝްވަރާކޮށް ކޯޓުން ބޭރުން މައްސަލަ ނިންމީ، އާބިޓްރޭޝަންގައި އެ މައްސަލަ ޓާޓާއަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް ސަރުކާރުގެ ފަރާތުން މައްސަލައިގައި ވަކާލާތުކުރާ ލޯޔަރުން ލަފާ ދެއްވާފައިވާތީ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ވެސް އެކި ފަހަރު މަތިން އެއްބަސްވުމަށް އިސްލާހުތައް ވަނީ ގެނެސްފައިވާ ކަމަށާއި، ރިސޯޓް ހަދަން ޅޮއްސަލަފުށި ދޭން އެއްބަސްވާ ގޮތަށް އޮތް ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށް، ލަގްޒަރީ ވިލާ އަޅަން ބިން ދޫކުރާ ގޮތަށް ހަދައިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް 2010 ގެ އެއްބަސްވުމުގައި ދޭން އޮތް ފަޅުރަށާއި އޯޑިއޯން ބިމާއި ނާދީ ބިން ޓާޓާއަށް ނުދޭން ނިންމި ކަމަށް ރައީސް ޔާމިން ސަރުކާރުގެ އިސްވެރިން ކުރިން ވިދާޅުވެފައި ވެއެވެ.

ޓާޓާ ކުންފުނި މެދުވެރިކޮށް 500 ފްލެޓް އެޅުމަށް ސަރުކާރުން އެއްބަސްވެފައިވާއިރު ގާތްގަނޑަކަށް 12 އަހަރު ވެގެންދިޔަ އިރު އެޅުނީ 288 ފްލެޓް ކަން ފާހަަަގަކޮށްލެވެއެވެ. ސަރުކާރުން ޓާޓާއަށް ދިން އޯޑިއޯން ބިމުގައި މަދުވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން އެ ކުންފުންޏަށް ސަރުކާރުން ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު