ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުގައި ބޭނުންކުރާ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބް ދިވެހިރާއްޖޭގެ ޕާސްޕޯޓަށް ލިބިއްޖެއެވެ.

ކޮންމެ އަހަރަކު އާއްމުކުރާ ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކުގެ ލިސްޓަކީ ހެންލީ ޕާސްޕޯޓް އިންޑެކުހުން އާއްމުކުރާ ލިސްޓެކެވެ. މި ލިސްޓަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރާއި މބެހޭ މައި ޖަމިއްޔާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާފައި ނެރޭ ލިސްޓެކެވެ.

މި ލިސްޓުގައި ޕާސްޕޯޓެއްގެ ބާރުގަދަކަން ކަނޑައަޅަނީ އެ ޕާސްޕޯޓަކާއެކު ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެވޭ ގައުމުތަކުގެ އަދަދުންނެވެ.

މިދިޔަ އަހަރުގެ ލިސްޓުގައި ރާއްޖެ 66 ވަނައިގައި ހިމެނުނުއިރު، މިއަހަރުގެ ލިސްޓުގައި ރާއްޖެ ހިމެނެނީ 58 ވަނައިގައެވެ. މިއީ 8 ދަރަޖައިގެ ކުރިއެރުމެކެވެ. ރާއްޖޭގެ ޕާސްޕޯޓާއެކު 88 ގައުމަކަށް ދުރާލާ ވީޒާ ނުނަގާ ދަތުރުކުރެއެވެ. އެހެންކަމުން މިއީ ދެކުނު އޭޝިޔާ ސަރަހައްދުގައިވެސް އެންމެ ބާރުގަދަ ޕާސްޕޯޓުކަމަށް މި ލިސްޓުން ދައްކައެވެ.

ރާއްޖެ 58 ވަނައިގެ އޮތްއިރު މި ސަރަހައްދުގެ ގައުމުތަކުން ރާއްޖެއާ އެންމެ ގާތުން ވާދަކުރާ މިސަރަހައްދުގައި އެންމެ ގަދަފަދަކަމަށް ބުނާ އިންޑިއާ އޮތީ ލިސްޓުގެ 84 ވަނައިގައެވެ. އިންޑިއާ ޕާސްޕޯޓާއެކު ދަތުރުކުރެވެނީ އެންމެ 59 ގައުމަށެވެ. ބޫޓާން، ލަންކާ، ނޭޕާލް އަދި ބަންގްލަދޭޝް އުޅެނީ އެއަށްވުރެވެސް ފަހަތުގައެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ މިއަހަރުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވަނީ، މިދޔަ އަހަރެކޭ އެއްގޮތަށް ޖަޕާނާއި ސިންގަޕޫރެވެ. އެ ގައުމުތަކުގެ ޕާސްޕޯޓާއެކު ވީޒާ ނުނަގާ 192 ގައުމަކަށް ދަތުރުކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު