ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ގޮތެއް ނިންމަން މާދަމާ ބައްދަލުވުމެއް ބާއްވަން ނިއްމައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ގޮތެއް ނިންމަން މާދަމާ ބައްދަލުވުމެއް ބާއްވަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން މާދަމާގެ ބައްދަލުވުމުގައި ކޮވިޑާއި ގުޅިގެން އަޅާނެ އިތުރު ފިޔަވަޅުތައް ނިންމާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑްގެ އާ ވޭރިއެންޓު ފެތުރޭ މިންވަރު މާ ބޮޑަށްވެސް ހަލުވި ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އިތުރަށް އެޅިދާނެ ފިޔަވަޅުތައް އެޗްޕީއޭއިން ބަލަމުންދާ ކަމަށެވެ.

އެގޮތުން އަޅާނެ ފިޔަވަޅުތައް ނިންމަން މާދަމާ ބައްދަލުވުން ބާއްވަނީ ޑޮކްޓަރުންގެ ޓީމާއެކު ކަމަށް ނަސީމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއި ނުލައި މާލެއިން ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުން މަނާކުރުން ހިމެނެއެވެ. އަދި ކަރަންޓީނާ ޓެސްޓު ކުރުމުގެ އުސޫލަށް ވެސް މިހާރު ވަނީ ބަދަލު ގެނަސްފައެވެ.

އޮމިކްރޮން ވޭރިއެންޓާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ޖެހިލާފައެވެ. އިއްޔެ އެކަނި ވެސް މުޅި ރާއްޖެ އިން 900 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު