ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަށް ކުރިއަށް ގެންދަނީ އިންޓަނެޓް ސްޕީޑާ އެއްވަރަށް ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެެ.

ފައްޔާޒު މިހެން ވިދާޅުވީ ށ. ކޮމަންޑޫއާއި އެރަށާ ޖެހިގެން އޮންނަ ފަޅު ރަށެއް ކަމަށްވާ މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފެށުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް 188 ރަށުގައި ނުވަތަ 186 ރަށުގައި ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. ގޫގުލް ސްޕީޑްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނު ނަމަވެސް އިންޓަނެޓް ސްޕީޑާ އެއްވަރަށް ތަރައްގީގެ މަޝްރޫއުތައް މިހާރު ކުރިއަށްދާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފަހަރުގައި ގޫގުލް ސްޕީޑްގައި ނުދެވިދާނެ، ގޫގުލް ސްޕީޑްގައި ދެެވެނީ އިންޓަނެޓް ސްޕީޑް އޮތް ހިސާބަކުން އަޅުގަނޑުމެން ދާނަން އިންޓަނެޓް ސްޕީޑް އޮތް ހިސާބަކާއި އެއްވަރެެއްގައި،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖެ އޮތީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށެވެ. ކޮވިޑްގެ އާލަމީ ވަބާއާއެކު ދިވެހި ރާއްޖެ 21 ވަނަ ގަރުނަށް ގެންނަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މިހުރިހާ ދައްޗަކާއި ތަކްލީފަކާއި އެެއްކޮށް ރާއްޖޭގައި ހުރިހާ ކަންކޮޅުތަކެއްގައި ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އެދަނީ އެތައް ޒަމާނެއް ވަންދެން ރައްޔިތުން ބޭނުންވެފައި ތިބި ކަންކަން އަޅުގަނޑުމެން ކުރަމުން މިދަނީ، މާތް ﷲ އިރާދަކުރެއްވިޔާ މި ދައުރު ނިމޭއިރު ރައްޔިތުން ހިތްފުރޭ ވަރަށް އަޅުގަނޑުމެންގެ ކައިރީގައި އެދުނު ކަންކަން ހަމަޖެހި އެޚިދުމަތްތައް ލިބޭނެ ކަމާމެދު ޝައްކު ނުކުރެއްވުމަށް އަޅުގަނޑު އެދެން." އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު ރައީސް ސޯލިހްގެ ސަރުކާރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ. ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝާރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބަނދަރު ހެނދުމާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ވެސް ސަރުކާރުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން