ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން މިވީ 3 އަހަރު ކުރެވުނު މަސައްކަތުން އެތައް ރަށެއްގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިފައިވާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ އެތައް އަހަރެއް ވަންދެން ނުކުރެވި ހުރި މަސައްކަތްތަކެއްކަމަށެވެ.

އާޒިމްގެ ވާހަކައިގައި މިއަދުގެ ސަރުކާރުން މަސައްކަތްތައް އެކި ފަރާތްތަކާއި ހަވާލުކުރަނީ އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ތަކެތި އަދި ފައިސާވެސް ހަމަޖެއްސުމަށްފަހުކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މަޝްރޫއުތައް އަވަސްވެ، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަން ފާހަގަކުރެއްވިއެވެ.

އާޒިމްގެ ވާހަކައިގައި މި ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް ބުނާ ފަރާތްތަކުގެ ވާހަކައަށް ވަނީ ރައްދު ދެއްވާފައެވެ. އާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުން ބަނދަރެއް ހެދުމަށް 2 އަހަރު ނޫނީ، 3 އަހަރު ނަގާއިރު، އެކަމަށް މިހާރު ހޭދަވަނީ އެންމެ އަހަރެއްކަމަށެވެ. އަދި ކުރީގައި އެއާޕޯޓެއް ނިންމަން 3 އަހަރު ނަގާއިރު މިހާރު 18 މަސް ދުވަހުން އެކަން ނިންމާލެވޭކަމަށް ވިދާޅުވެ، މި ސަރުކާރުގެ ދުވެލީގެ ހަލުވުމިން އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމް ވިދާޅުވީ މިވީ ތިން އަހަރު ތެރޭގައި ކޯވިޑްއާއެކުވެސް ގިނަ މަސައްކަތްތައް ކުރެވިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކަކީ މިމަސައްކަތް އިތުރަށް ހަރުދަނާކުރެވި ނަތީޖާ ނެރެވިގެންދާނެ ދުވަސްތަކެއްކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަފުޅުގައި ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ނުހިންގޭހާ ގިނަ މަޝްރޫއު މިސަރުކާރުން ހިންގަމުންދާކަމަށް ވިދާޅުވިއެވެ. އަދި ކުރިން އަސާސީ ހައްގުތަކުން ދިވެހި ރައްޔިތުން މަހުރޫމްވެފައިވާއިރު، އެކަން ކަށަވަރު ކޮށްދިނުމަށް މިވީ 3 އަހަރު ކުރެވުނު މަސައްކަތުން އެތައް ރަށެއްގެ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބިފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ އިންތިހާބާ ދިމާކޮށް ނޫންކަމަށާއި، މި ސަރުކާރަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށްޓަކައި މަސައްކަތްކުރުމުގައި ދެމި އޮންނާނެ ސަރުކާރެއްކަމަށެވެ.

އެމްޓީސީސީން މިހާރުވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން 35 ބަނދަރެއްގެ މަސައްކަތް ކުރަމުން އަންނައިރު، 2 އެއާޕޯޓެއްގެ މަސައްކަތްވެސް އަންނަނީ ހިނގަމުންނެވެ. މީގެއިތުރުން ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އެކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން