2023ގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ހާލާތުގައި އަމަން އަމާންކަން ގާއިމްކޮށް ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް އެހެން ގޮތްތަކަކުން މަސައްކަތްކޮށްގެން މެނުވީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވެގެން ނުދާނެކަމަށާއި ވަކިން ހާއްސަކޮށް ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ އުސްމިންތަކަަށް ދަތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަަމަށް ސަރުކާރަށް އެނގޭކަމަށެވެ.

އެހެންކަމުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ހިދުމަތް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށާއި އެމަސައްކަތް ވަރަށް ބާރަށް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ﷲގެ ރަހުމަތާއެކު ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކީ އެމަސައްކަތް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ނިމިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.



ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކުން ނުވަތަ ފުލުހުންގެ މަރުކަޒެއް ހުޅުވުމަކުން މަސައްކަތް އަދި ނުނިމޭކަމަށާއި އެއީ ހަގީގަތުގައި މަސައްކަތް ފަށައިގަނެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިގެންދާނީ ފުލުހުންގެ ހިދުމަތްތަކާއެކުގައި ރަށުގެ ހިންގުންތެރި ފަރާތްތައް، ހާއްސަކޮށް ކައުންސިލް އަދި ރަށުގައި ހުރި މުއައްސަސާތައް އެކުވެ ގުޅިލާމެހިގެން ރަށުގެ މުޅި މުޖުތަމައު އަމާންކޮށް ރައްކާތެރިކޮށް ސުލްވެރިކޮށް ބޭއްވުމަށް މަގުފަހިކުރުންކަމަށް ވިދާޅުވިއެވެ.

މިއަދު ފުލުހުންގެ ފަލްސަފާ ބައްޓަން ކުރެވިގެން މިދަނީ ކުށަށް އަރައިގަތުމުން ހައްޔަރުކޮށް އަދަބު ދިނުމުގެ ނިޒާމު ދޫކޮށް، ކުށަށް އަރައިގަތުމުގެ ކުރިން ކުށަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަނެ އެކަންކަމުން މުޖުމަތަމުގެ އަފުރާދުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަލްސަފާގެ ތެރެއަށް ނުވަތަ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއަށްކަމަށް އިމްރާން ވިދާޅުވިއެވެ.

ގދ. މަޑަވެލީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ސްޓޭޝަންގައ ދިވެހިރާއްޖޭ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން