އިންފިހާބުގެ ދުވަސްވަރަކީ އެކި ޒާތްޒާތުގެ ވައުދުތަކުގެ އަޑު އިވޭ ވަޢުދުގެ ޢީދެކެވެ. އުޑުން ތަރި ބޭލުމުން ފެށިގެން މާކަނޑުގައި ބްރިޖު އެޅުމާ ރަށްވަށައި ފާލަންތައް އެޅުމާ ސަރުކާރުން ހިލޭ ބޮޑެތި ކަންކަން ކޮށްދިނުމަށް ވެސް ބައެއް ފަހަރު ކެނޑިޑޭޓުން ވައުދެ ވެއެވެ.

އޭޝިޔާގައި އެންމެ ކުރިއަރަމުން އަންނަ ދެކުނު ކޮރެއާއަށް މި އޮތީ އެފަދަ ދުވަސްވަރެއް އައިސްފައެވެ. އަންނަ މާޗުމަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން، ފޯރިއާއެކު ކުރިއަށްދަނީއެވެ. ރައްޔިތުންނަށް ވައުދުތައް އޮއްސަނީއެވެ.

ނަމަވެސް މީޑިއާގެ ސަމާލުކަމަށް ކޮރެޔާގެ އިންތިހާބު މިދުވަސްކޮޅު ތަންކޮޅެއް ބޮޑަށް ވަނީ އައިސްފައެވެ. އެއީ ކޮރެޔާގެ އިންތިހާބުގައި ވާދަކުރާ ސަރުކާރު ހިންގާ ޑިމޮކްރެޓިކް ޕާޓީން ވާދަކުރާ ކެނޑިޑޭޓް ލީ ޖައެ ޔަންގް ވެވަޑައިގެންނެވި އާދަޔާ ޚިލާފު ވަޢުދު ތަކެއްގެ ސަބަބުންނެވެ. އޭނާ ވެވަޑައިގެންނެވި ވައުދެއްގެ ތަފާތުކަމުންނެވެ.

އޭނާ ހުށަހަޅުއްވަނީ ބޮލުގައި އިސްތަށި ނެތް މީހުންނާއި އިސްތަށި ފައިބާ މީހުންނަށް ދޭ ފަރުވާގެ ހަރަދު ސަރުކާރުން ހަމަޖައްސައިދިނުމަށެވެ. އޭނާގެ މިހުށަހެޅުމާއެކު ބޮޑު ބަހުސެއް އުފެދިފައިވާއިރު، ބައެއް މީހުން މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރެއެވެ. އަނެއްކޮޅުން މިކަމަށް ތާއީދު ނުކުރާ ބަޔަކުވެސް އުޅެއެވެ.

އިސްތަށި ފާޅުވާ ފަރުވާ ހިލޭ ދޭން ވައުދުވި ކެނޑިޑޭޓް ލީ ޖައެ ޔަންގް ވިދާޅުވީ ކޮރެޔާގައި 10 މިލިއަނެއްހާ މީހުންނަކީ ބޮލުން އިސްތަށި ފޭބުން ތަހައްމަލުކުރަމުންދާ މީހުންކަމަށެވެ. ނަމަވެސް ފަރުވާ އަގުބޮޑުވެގެން އޭގެތެރެއިން ގިނަ ބަޔަކު ވަނީ އެކަށީގެންވާ ރަނގަޅު ފަރުވާއިން މަހްރޫމްވެފައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް މީހުން އިތުރު ގޮތެއް ނެތިގެން އަގުހެޔޮކޮށް ފެންވަރު ދަށް ބޭސް ހޯދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކެނޑިޑޭޓްގެ ހުށަހެޅުމަށް ތާއީދުކުރި އަންހެނަކު ބުނީ އޭނާ ބޮލުން އިސްތަށި ފައިބާތީ ހޯދަމުންދިޔަ ފަރުވާ ހުއްޓާލީ އެ ފަރުވާ އަގުބޮޑުވެގެންކަމަށެވެ. އެގޮތުން 6 މަސްދުވަހަށް 3000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު އެކަމަށް ހޭދަވާކަމަށް އޭނާ ބުންޏެވެ.

އިންތިހާބުގައި ވާދަކުރާ ކުޑަ ޕާޓީއެއްގެ ކެނޑިޑޭޓް ވިދާޅުވީ ސަރުކާރު ކެނޑިޑޭޓްގެ ވައުދަކީ އެއްވެސް ތާކުންތާކު ނުޖެހޭ، ޒިންމާދާރުކަން ކުޑަ ވައުދެއްކަމަށެވެ. އޭގެބަދަލުގައި ބޭހުގެ އަގުހެޔޮކޮށް، އިތުރު ފަރުވާތައް ހޯދަން މަސައްކަތްކުރަން އެހީތެރިވުން މާ ރަނގަޅުވާނެކަމަށް އޭނާ ބުންޏެވެ.

ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މާހިރަކު ބުނީ ސަރުކާރުގެ އިންޝުއަރެންސް ޕެކޭޖްގެ ތެރެއިން ބޮލުން އިސްތަށި ފަޅުވާ ފަރުވާ ހަމަޖައްސައިދޭނަމަ އެކަން ވާނީ ދައުލަތަށް އިތުރު ބުރައަކަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުހިއްމު އެހެން ބަލިތަކަށް ފަރުވާކުރަން ހޭދަކުރާ ކުރުމަށް އަސަރުކޮށްފާނެކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް ފާޑު ކިޔުންތެރިންގެ ވާހަކަތަކަށް ރައްދުދެއްވަމުން ލީ ޖައެ ޔަންގް ވިދާޅުވީ އިސްތަށި ހުރުމަކީ ހަށިގަނޑު ފުރިހަމަވުމުގެ ބައެއްކަމަށެވެ. އަދި އެކަމުގެ ފަރުވާއަށް ބޭނުންވާ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެކުނު ކޮރެޔާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ މާޗުމަހުގެ 9 ވަނަ ދުވަހުއެވެ. ކޮރެޔާގެ ގާނޫނުއަސާސީ ބުނާގޮތުން ކޮންމެ ރައީސަކަށްވެސް ލިބިވަޑައިގަންނަވާނީ ރިޔާސީ އެންމެ ދައުރެކެވެ. އެހެންކަމުން މިހާރުގެ ރައީސް މޫންޖައިއަށް އަންނަ އިންތިހާބުގައި ވާދައެއް ނުކުރެއެވެ.

ބޮލުން އިސްތަށި ފައިބާ މައްސަލައަށް ހިލޭ ފަރުވާ ދޭން ވައުދުވީ މޫންޖައިގެ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓެވެ.

އިންތިހާބުގައި ކޮރެޔާގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއާ އެންމެ ވާދަވެރިކޮށް އުޅެނީ އިދިކޮޅު ޕީޕަލްސް ޕަވަރ ޕާޓީއެވެ. އެ ޕާޓީން ވާދަކުރަނީ ޔޫން ސޮކްޔޮލް އެވެ. އިންތިހާބުގައި ކުދި ޕާޓީތަކުން ވާދަކުރި ނަމަވެސް އެ ޕާޓީތަކަށް ވެރިކަމަށް އަންނަން ބޭނުންވާވަރާއި ގާތަށްވެސް ތާއިދެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން