މިއަދުގެ ޖަޒްބާތަކީ ވެރިކަމުގެ އަރައިރުންކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ރައީސް ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި، ރައީސް ޢަބްދުﷲ ޔާމީން އެކަނި ޖަލުގައި ބޭއްވުމުގެ އިންސާފެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ މީސްމީޑިއާ ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ އަތްޕުޅުން ލިއުއްވާފައިވާ މެސެޖެއް ހިއްސާ ކުރައްވާފައެވެ. އަދި މިސެޖުގައި ކުރީގެ ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގު ނުރެވޭ މައްސަލައާއި މަރުކޮމިޝަންގެ މަސައްކަތާއި މެދު ވެސް ސުވާލު އުފައްދަވާފައި ވެއެވެ.

މިކަމާ ގުޅިގެން މޫސަ ވިދާޅުވީ، 2008 ގައި އެމްޑީޕީއަށް ވެރިކަން ޙަވާލުކުރީވެސް ޖަލުތަކުގައި މަރާލާފައިވާ މީހުންނާއި، ޖަލުތަކުގެ އަނިޔާގެ މައްސަލަތަކާއި، އެފްޕީއައިޑީ އާއި، އެއަރމޯލްޑިވްސް މައްސަލަ ފަދަ ޚިޔާނާތުގެ މައްސަލަތައް ބަލާނެ ކަމަށް ވަޢުދު ވުމުން ކަމަށެވެ.

"ވެރިކަން ދިނީމަ އެކަން ކުރިތަ؟ ދުލުގަހިފާ ނުދަމާ!" ރީކޯ މޫސަ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ކާމިޔާބުގައި ހިތްތިރި ކުރަން ޖެހޭ ކަމަށް ވިދާޅުވެ މާޒީގެ ފަހަތުން ނުދުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މޫސާ މަނިކުވެސް އޭރު ވިދާޅުވެފައިވަނީ، ހިތްތިރިކޮށްގެން ޤައުމާއިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ރަނގަޅަށް ބަލައިފިނަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އޭރާއި، މިހާރުގެ ކިތަންމެ ބަޔަކަށް އޭގެ އަސަރު ކުރާނެ ކަމަށް މަސްރަޙް ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ. އަދި މިހާތަނަށް އާންމުވެފައިވާ ރިޕޯޓްތަކުގައި ވެސް އެފަދަ އެތައް ނަމެއް ލިޔެފައި ވާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު