ކޯވިޑް-19ގެ އެހީތެރި ކަމުގެ ބިލް ދެ ފަހަރަށް ހުށަހެޅުއްވުމުން ވެސް މަޖިލީހުން ބިލު ބަލައިނުގަތުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް 6 ބިލެއް ހުށަހަޅުއްވައިފިއެވެ.

އިދުކޮޅު ޕީއެންސީގެ ނައިބު ލީޑަރ ސައީދު މިރޭ ވިދާޅުވީ ކޯވިޑް-19 ގެ އެހީތެރިކަމުގެ ބިލް ދެ ފަހަރު ބޭރު ކޮށްލުމުން އިތުރު 6 ބިލެއް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އިޤްތިޞާދީ ވަޒީރު، ސައީދު ހުށަހެޅުއްވި ބިލުތަކުގެ ތެރޭގައި ހިމެނެނީ، އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ކުލި ފަސްކުރުމުގެ ބިލާއި، ދަނޑުވެރިންނަށް ލުއިދިނުމުގެ ބިލާއި، ލޯނުގެ ލުއިގެ ބިލާއި، ޕެންޝަން ފައިސާއަށް އެދޭ ބިލާއި، ގޭ ކުއްޔާއި ބެހޭ ބިލްގެ އިތުރުން ޓޫރިޒަމް ކުލީގެ ބިލެވެ.

މި ބިލްތަކަކީ، މީގެކުރިން ސައީދު މަޖިލީހަށް ހުށަހެޅުއްވި ކޯވިޑް-19ގެ އެހީތެރިކަމުގެ ބިލުގައި ބަޔާން ކޮށްފައިވާ ކަންކަން ވަކިން ހިމަނައިގެން ފަރުމާކޮށްފައިވާ ބިލްތަކެކެވެ. މީގެ ކުރިން ދެ ފަހަރު ސަޢީދުގެ ބިލު ހުށަހެޅުއްވުމުން ވެސް މަޖިލީހުން ވަނީ ބިލް ބަލައިނުގެންފައެވެ.



ސަޢީދުގެ ބިލް ބަލައިނުގަތް ސަބަބެއް ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ބިލު ބަލައި ނުގަތީ އެ ބިލުގައި، ދައުލަދުގެ ޚަރަދާއި އާމްދަނީއާ ގުޅޭ ކަންތައްތައް ހިމެނޭތީ ކަމަށެވެ. އެހެންކަމުން ބިލު އިސްލާހު ކުރުމަށް ރައީސް ނަޝީދު ވަނީ ސައީދުގެ ކިބައިން އެދިވަޑައިގެންފައެވެ.

އިސްލާހު ކުރުމަށްފަހު ދެވަނަ ފަހަރަށް އަލުން ސައީދު ބިލު ހުށަހެޅުއްވިއެވެ. ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލިސް ގަވާއިދު އޮތް ގޮތުން އެ ބިލަކީ ސައީދަށް ހުށަހެޅުއްވޭނެ ބިލެއް ނޫން ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދައުލަތުގެ އާމްދަނީއާ ގުޅޭ ކަންކަން ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ. އެހެންކަމުން ދެވަނަ ފަހަރަށްވެސް ބިލު ބަލައިގެންފައެއް ނުވެއެވެ.

އެހެންކަމުން މިފަހަރު ސަޢީދު މިވަނީ، ބިލްގައިވާ ބައިތައް ވަކި ބިލުތަކަކަށް ބަހާލާ ޖުމްލަ ހަ ބިލެއް މަޖިލީހަށް ހުށައަޅުއްވާފައެވެ. ސައީދު މިފަހަރު ހުށަހެޅުއްވި ބިލުތައް މަޖިލީހަށް އަދި އެޖެންޑާއެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު