ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުން މިހާރުން މިހާރަށް ވަކިކުރުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިހާދު އެހެން ވިދާޅުވީ މުސާރައާ ގުޅޭ ގޮތުން ސީއެންސީން ނެރުނު ސާކިއުލާއަކަށް އިޝާރާތް ކުރައްވައެވެ.

ފިނޭންސް މިނިސްޓްރީން ކަނޑައެޅި އުސޫލަށް ބިނާކޮށް، ސިއްހީ ހިދުމަތްތެރިންގެ "މުސާރަ އުނިކުރަންޖެހޭ ކިޔައިގެން" ސަރުކާރާ ޖައްސަމުންދާ ކަމަށާއި އެކަން ކުރަނީ ސީއެސްސީގައި ތިބި "ބަޔަކު" ކަމަށް ނިހާދު ތުހުމަތުކުރެއްވިއެވެ.

"މިއަދު މަގާމު ގެއްލިދާނެ ކަމުގެ ބިރަށް ތިބި ސިވިލްސާވިސް ކޮމިޝަނުގެ ބަޔަކު ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާ ޖެއްސުމަށް ސިވިލްސާވިސްގައި މަސައްކަތް ކުރާ މަސައްކަތްތެރިންނާ ޖެއްސުމަށްޓަކާ، ސަރުކާރުން ނެރުނު ސާކިއުލާއަކަށް ބިނާކޮށް، އެ ދަނީ ހެލްތު ސެކްޓަރގައި ތިބި މުވައްޒަފުންގެ މުސާރަ އުނިކުރަންޖެހޭ ކިޔައިގެން، އެ މުވައްޒަފުންނާ ޖައްސަމުން." އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވީ އެންމެ އަވަހަކަށް ސީއެސްސީގެ މެމްބަރުން މަގާމުން ވަކިކުރަންޖެހޭ ކަމަށެވެ. އެ މެމްބަރުން މަގާމުން ވަކިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ ނިންމުން ތަންފީޒު ކުރުމަށް ނިހާދު މިއަދު ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު