ރާއްޖެއަށް ބޭނުންވަނީ މުޅި ދުނިޔެއާ އެކު މަސައްކަތްކުރެވޭނެ ރައީސެއް ކަމަށާއި އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބުދު ﷲ ޝާހިދު ކަމަށް ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ކެމްޕޭނަށް ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަޙީދު ވިދާޅުވީ، އަންނަން އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށާއި، ރާއްޖެއަށް މިއަދު ބޭނުންވަނީ މުޅި ދުނިޔެ ބަވަނަވަމުންދާ މި ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ދުނިޔެއާ އެކު ފައިތިލަ ސާބިތުކޮށް މަސައްކަތްކުރެވޭނެ ޤާބިލު ރައީސެއް ކަމަށެވެ. އަދި އެފަދަ ޤާބިލުކަން ހުންނެވި ބޭފުޅަކީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ އަބްދުﷲ ޝާހިދު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ވެރިކަމަށް މީހަކު ގެނައުމަކީ ފެޝަން ޝޯއަކަށް މީހަކު ގެނައުމެއް ނޫން. ދެން ކުޅެން އޮތް ލޯބީގެ ފިލްމަކަށް އެކްޓަރެއް ގެނައުމެއް ނޫން. ބުރުސޫރަ ރީތި މީހާ ހޮވައިގެން ގެނައުމެއް ނޫން،" އަލީ ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ގެއްލި މަގުމަތިވުމުން، ޕާޓީއަށް އަލުން ވެރިކަން ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޝާހިދު ކަމަށެވެ. އަދި ޕާޓީ ތެރޭގައި އެކި މައްސަލަތައް ދިމާވި ވަގުތުތަކުގައި އާންމު މެންބަރުންނާއެކު ސީދަލަށް، ތެދަށް ހުންނެވީ ޝާހިދު ކަމަށްވާތީ، މެންބަރުން މިއަދު އެމަނިކުފާނާ އެކު ކުރިއަށް ވަޑައިގަންނަވަންޖެހޭ ކަމަށް ޢަލީ ވިދާޅުވިއެވެ.

އަލީ ވަޙީދު އިތުރަށް ވިދާޅުވީ ޕާޓީގެ ޓިކެޓަކީ އެންމެންގެ ޓިކެޓަށް ހަދައި، ޕާޓީން ނުކުންނަ ކެންޑިޑޭޓެއްގެ ފަހަތުގައި އެންމެން އެކުގައި ތިބެންޖެހޭނެ ކަމަށެވެ. އަދި ހިޔަންޏަކުން އަންނަ ކެންޑިޑޭޓުންނަށް ނުބަލައި، އަމިއްލަ ފައިމަތީގައި ނުކުތުގެން ހުންނެވި، ރައްޔިތުންނަށް ހަގީގީ ބަދަލެއް ގެނެސްދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އަބްދުﷲ ޝާހިދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް