އަލްހާން ފަހުމީ
އަލްހާން ފަހުމީ
އެމްޑީޕީގެ ވޯޓިން ލިސްޓަކީ ރަބަރެއް ދެމޭހެން ދެމޭ ލިސްޓެއް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.


ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ދާއިމީ ލިސްޓު ޢާއްމުކޮށްފައިވާއިރު، އެ ލިސްޓްގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ 92،743 މީހެއްގެ ނަން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އެހެނިހެން ޕާޓީތަކުގެ މެންބަރުންނާއި، އެމްޑީޕީއަށް އެއްވެސް އިރެއްގައި ސޮއި ނުކުރާ މީހުން ތިބިކަމުގެ ޝަކުވާގެ އަޑު ވަނީ ގަދަވެފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ނައިބުރައީސްކަން މީގެކުރިން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓު އޮޅުވާލުމަކީ އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބެއްލެވުމުގެ ދަށުން ރޭވިގެން ހިންގާކަމެއް ކަމަށެވެ. އަދި އޭނާއަކީ އެ ތަޖުރިބާ ކުރެއްވި ބޭފުޅެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

"އެ ލިސްޓަކީ ވޯޓު ގުނާ ނިމެންދެންވެސް ރަބަރެއް ވިލޭހެން ވިލޭ ލިސްޓެއް!" އަލްހާން ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ވޯޓާސް ލިސްޓް އާންމުކޮށްފައިވަނިކޮށް އެމްޑީޕީގެ މެންބަރޝިޕްކޮމިޓީގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބޭ މީހުންނަށް ވޯޓް ލެވޭ އުސޫލް އޮޅުން ފިލުވައި ދިނުމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ދަންނަވާފައެވެ.

އެހެން ޕާޓީތަކުގެ މެންބަރުން އެމްޑީޕީގެ ވޯޓިން ލިސްޓުގައި ތިބިކަމުގެ ޝަކުވާ އަކީ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައިވެސް ގިނަ ބަޔަކު ކުރަމުން ދިޔަ ޝަކުވާއެކެވެ. އެމްޑީޕީގެ އެތެރޭގެ ވޯޓުތަކާ ދިމާކޮށް ޕާޓީއަށް މެންބަރުން ވެއްދުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަށްޓަކައި މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދީފައިވަނީ އެތެރޭގެ އިންތިޚާބަށް ހުޅުވާލުމުގެ ހަމަސް ކުރިން ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެންބަރުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު