އައްޑޫ ސިޓީގެ ތަރައްޤީގެ މަސައްކަތް ތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަރަށް އިސްކަން ދެއްވައިގެން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކެކެވެ. އެމަނިކުފާނު އައްޑޫ ސިޓީއާމެދު ދެކެވަޑައިގަންނަވާ އެ ތަސައްވަރު ހާސިލު ކުރެއްވުމަށްޓަކާ މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާގެ އިތުރުން އެ ސިޓީގެ އުމްރާނީ ތަރައްޤީއަށް ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ.

ސަރުކާރުގެ އަންދާޒާތައް ދައްކާގޮތުން މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ވަނީ 535 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. 535 މިލިއަން އައްޑޫ ސިޓީގެ ތަރައްޤީއަށް ޚަރަދުކޮށްފައިވާއިރު، އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް ތަރައްޤީގެ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި އިތުރު މަސައްކަތްތައްވެސް އެ ރަށްތަކުގައި ހިނގާކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ ސިޓީ ހިތަދޫއަށް ބަލާލާއިރު އެރަށުގައި ވެސް ގިނަ މަސައްކަތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ސ. ހިތަދޫ ޒިކުރާ މިސްކިތް އަޕްގްރޭޑް ކުރުން، ސ. ހިތަދޫ އައްޑޫ ހައިސްކޫލް މަލްޓި ޕާޕަސް ހޯލް ހެދުން، އައްޑޫ ސިޓީގައި ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމްކުރުން، ސ. ހިތަދޫ އީދިގަލި ފުޓުސަލު ދަނޑު ޤާއިމުކުރުން، ސ. ހިތަދޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުން، ސ. ހިތަދޫގައި އޮފީސް އިމާރާތާއި ދަރިވަރުންގެ ކޮމަން ރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

ހިތަދޫގައި ހިނގަމުންދާ މަސައްކަތްތަކަށް ބަލާލާއިރު ސ. ހިތަދޫ ޓޫރިޒަމް ޒޯން ގާއިމުކުރުން، ހިތަދޫ ޝަރަފުއްދީން ސްކޫލް 18 ކްލާސްރޫމްގެ 3 ބުރި އިމާރާތް، .ހިތަދޫ ކޮވިޑް ކަރަންޓީން ފެސިލިޓީ އިމާރާތްކުރުން، ހިތަދޫ ކުރީގެ ބަނދަރު ހެދުން އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކުރުން ނޭޝަނަލް ޕޮލިސް އެކަޑަމީ ޢިމާރާތްކުރުމުގެ މަޝްރޫއާ ހިތަދޫ މަގުތައް ހެދުމާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓް މިހާރުވެސް ދަނީ ކުރިއަށެވެ.

އައްޑޫ ސިޓީ މީދޫއަށް ބަލާލާއިރު މީދޫ ޓޫރިޒަމް ޒޯން ގާއިމުކުރުމާއި، މީދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި މީދޫ މަގު ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ، އަދި މީދޫ ބަނދަރު އަޕްގްރޭޑްކޮށް ރިވެޓްމަންޓް ޖެހުމާއި 2 ވޮލީކޯޓު، ނެޓްބޯލް ކޯޓު އަދި ބަށިކޯޓު ތަރައްގީކުރުމާއި ސްވިމިންގ ޕްލެޓްފޯމް އެޅުމުގެ މަސައްކަތް މީދޫގައި ކުރިއަށް އެބަދެއެވެ.

ފޭދޫގައި ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ފޭދޫ ޓޫރިޒަމް ޒޯން ގާއިމުކުރުން، މަގުހެދުން، ފެންހިންދާ ނިޒާމް ގާއިމުކުރުން ހިމެނެއެވެ. ފޭދޫގައި ނިމިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމާއި ފުޓުބޯޅަ ދަނޑު ތަރައްގީކުރުމާއި ފޭދޫ ސްވިމިންގ ޕްލެޓްފޯމް އެޅުން ހިމެނެއެވެ.

މަރަދޫގައި ނިމިފައިވާ މަސައްކަތްތަކަށް ބަލާލާއިރު، ނަރުދަމާ ނިޒާމް ޤާއިމް ކުރުން ވަނީ ނިމިފައެވެ. މަރަދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި މަރަދޫ ޓޫރިޒަމް ޒޯން ގާއިމުކުރުން، މަރަދޫ ސްކޫލްގެ އައު އިމާރާތް، މަގު ހެދުން އަދި ފުޓުބޯޅަ ދަނޑު ތަރައްގީކުރުން ހިމެނެއެވެ.

ހުޅުދޫގައިވެސް ގިނަ މަސައްކަތްތަކެއް ދަނީ ހިނގަމުންނެވެ. ހުޅުދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ޓޫރިޒަމް ޒޯން ގާއިމުކުރުން، އަތޮޅު މަދަރުސާ 6 ކްލާސްރޫމް ޤާއިމްކުރުން، ހުޅުމީދޫ މިފްކޯ ބަނދަރު ހެދުން، ހުޅުދޫ ބަނދަރު ހެދުން، މަގު ހެދުން އަދި ހުޅުދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުން ހިމެނެއެވެ.



މަރަދޫ ފޭދޫގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާލާއިރު، އިރުޝާދިއްޔާ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތާއި، .މަރަދޫފޭދޫ ބަނދަރު ހެދުމާއި، މަގުތައް ހެދުން ހިމެނެއެވެ. ނިމިފައިވާ މަސައްކަތްތަކަށް ބަލާލާއިރު މަރަދޫފޭދޫ ނަރުދަމާ ނިޒާމް ޤާއިމް ކުރުމާއި އައުޓްޑޯރ ޖިމް ގާއިމުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މިމަޝްރޫޢުތަކުގެ އިތުރުންވެސް އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއާމެދު ގެންގުޅުއްވާ ތަރައްޤީގެ ތަސައްވުރުގައި ކުލަ ޖެހެމުންދާތަން ފެންނަން ފަށާފައިވާކަމަށް އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. އަދި ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު، އައްޑޫ ސިޓީން ތަރައްޤީގެ ކުލަތައް ފެންނާނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް އައްޑޫ ސިޓީގެ ރައްޔިތުން ޤަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން