ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ހަރުކަށި ފިކުރާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމަކީ ހެދޭ ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޖެނެރަލް ޑީޑީ މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ، އެމްޑީޕީން ހަރުކަށި ފިކުރު ބޭނުން ކުރަމުން ގެންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އޭނާ ދެއްކެވި ވާހަކަތަކަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ފާޑު ކިޔަމުންދާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް ސާލިހުގެ ސަރުކާރަކީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެހީތެރިވާ ސަރުކާރެއްކަމަށް ދޭހަވާފަދަ ގޮތަކަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ރާއްޖޭގައި އިންތިޚާބުތައް ކާމިޔާބު ކުރެވެނީ ހަރުކަށި މީހުންގެ އެހީގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިބްރާހިމް ދީދީގެ ވާހަކަތަކަށް ފާޑު ކިޔަމުންދާ ފަރާތްތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އޭނާގެ ވާހަކަތަކާ ގުޅިގެން އެއްވެސް މީހަކު ޙައިރާންވާން ނުޖެހޭނެ ކަމަށާއި، އޭނާއަކީ އެއްވެސް މީހެއްގެ ޕަޕެޓެއް ނޫން ކަމަށެވެ. އަދި އޭނާގެ ޚިޔާލުތަކަކީ ޙަޤީޤަތާއެއްގޮތަށް ފާޅުކުރާ ޚިޔާލުތަކެއް ކަމަށާއި، އޭނާއަކީ ހުރިހާ ބާވަތެއްގެ ހަރުކަށި ފިކުރުތަކާ ދެކޮޅު ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަކީ ދީނީގޮތުން ހަރުކަށި ފިކުރަށް ތާޢީދު ކުރާ މީހެއް ނޫން. އަދި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަރުކަށި ފިކުރު ބޭނުން ކުރުމަށްވެސް ތާޢީދެއް ނުކުރަން." ޖެނެރަލް ޑީޑީ ވިދާޅުވެފައިވެއެވެ.

ޖެނެރަލް ޑީޑީ ވިދާޅުވީ، ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް މަސައްކަތް ކުރެވޭނީ ޕްރޮފެޝަނަލްކޮށް ކަމަށާއި، "އެކަމާ ދެކޮޅަށް ހަނގުރާމް އިޢުލާނު ނުކުރެވޭނެ" ކަމަށެވެ. އަދި އެއީ އެކަމުގެ ޙައްލު ނޫން ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.



ޖެނެރަލް ޑީޑީ ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރި ހޯއްދެވިފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ އެހީގައި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އއ. ހިމަންދޫން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ މީހުން ޖަލުން ދޫކޮށްލި ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ހަރުކަށި ފިކުރާ ދެކޮޅަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.

ހަމައެއާއެކު ޖެނެރަލް ޑީޑީ ވިދާޅުވީ އެމްޑީޕީން ހަރުކަށި ފިކުރު ބޭނުން ކުރަމުން ގެންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. އަދި ޙަޤީޤަތް ހާމަކުރަށްވަން ލަދު ނުގަންނަ ކަމަށާއި، ބިރުވެސް ނުގަންނަ ކަމަށާއި، ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރާ ދެކޮޅަށް ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

ހަރުކަށި ފިކުރާ ގުޅޭގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ގޮތް ނޭނގޭ އަނދިރި ދައުލަތެއް އޮތް ކަމަށެވެ. އަދި އެމީހުންގެ މަގްސަދަކީ ރާއްޖެ އަފްގާނިސްތާން ފަދަ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ގައުމަކަށް ބަދަލުކުރުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން