އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް
މިހާތަނަށް ޖޮބްސެންޓަރަށް ޖުމްލަ 2291 ފަރާތަކުން ރިޕޯޓް ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވީ، މީގެ ތެރޭގައި ހިމެނެނީ ނޯޕޭ އަށް ފޮނުވާފައިވާ 639 ފަރާތަކާއި، ވަޒީފާއިން ވަކިކޮށްގެން 571 ފަރާތެއް ކަމަށެވެ.

ހަމައެއާއެކު މުސާރަ ކުޑަ ކުރުމުގެ 385 މައްސަލަ އާއި ސަސްޕެންޑް ކުރުމުގެ 162 މައްސަލައިގެ އިތުރުން ސެލްފް އެމްޕްލޯއިޑް މީހުންގެ ވަޒީފާއަށް އަސަރު ކުރުމުގެ 280 މައްސަލައިގެ އިތުރުންވެސް އިތުރު ކެޓެގަރީގެ މައްސަލަތައް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިފަރާތްތަކަށް އަންނަ ހަފުތާގައި ފައިސާ ދޫކުރަން ފެށޭވަރު ވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ، ސެލްފް އެމްޕްލޯއިޑް މީހުންނަށް ދޭނެ ފައިސާ ނެތްކަމަށް މީގެ ކުރިން އޭނާ ވިދާޅުވިކަމަށްބުނެ ބައެއް ނޫސްތަކުން ފެތުރި ޚަބަރު ދޮގުކުރައްވާފައެވެ.

"އެއްވެސް އިރެއްގައި ވެސް ނުބުނަން އަމިއްލަ ފަރާތްތަކަށް ނުދެވޭނެ އެކޭ. 100000 އެއްހާ މީހުންނަށް ކިހިނެއްހޭ ދޭނީ އަޅުގަނޑު ބުނީ." މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް މަހަކު 5000 ރުފިޔާދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އެކަމާއި ގުޅޭ އުސޫލެއް މިއަދު ގެޒެޓު ކުރާނެ ކަމަށެވެ.

"އޭގެ އުސޫލުތަކެއް މިއަދު ގެޒެޓު ކުރެވިގެން ދާނެ، ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އޭތި ރޯލްއައުޓު ކުރުމުގައި ލަސްތަކެއް ކުރިމަތިވެފައި އޮތީ. ހަމައެއާއި އެކު، ކުރިން އަޅުގަނޑުމެން މިނިސްޓްރީގައި އެކަން ކުރަން ތިބި ހުރިހާ ކުދިން ކަހަލަ ގޮތަކަށް އައިސޮލޭޝަނަށް ދާން ޖެހުމުގެ ސަބަބުން ލަސްތަކެއް މިހިސާބަށް ވެސް އައީ،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ އާއި ވަޒީފާގެ ހާލަތަށް ބަދަލު އަންނަ ގިނަ ޝަކުވާތަކެއް ހުށަހަޅަމުންދާކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން