ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ރިލީފް ސްކީމްގެ ދަށުން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް ޢަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މި ފައިސާ އަކީ ޖުމްލަ 51 ރިލީފް ސްކީމް ގެ ދަށުން ދޫކޮށްފައިވާ ފައިސާ ކަމަށެވެ. މީގެ އިތުރުން އިތުރު 15 ދާއިރާއަކުން ލޯނު ލުއިކޮށްދޭން ނިންމާފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ރިކަވަރީ ޕެކޭޖު ރިސޯޓުތަކަށް ދޫކުރުމުގައި ކޯވިޑް-19 އާ ގުޅިގެން ގެއްލުންވެފައި ވާ މިންވަރު ކަށަވަރު ކުރާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފޮނުވާފައި ހުރި ގިނަ ރިކޮމެންޑޭޝަންތަކަކީ ރިކަވަރީ ފެކޭޖުގެ ދަށުން ރާވާ ހިންގަން ގަސްތުކޮށްފައި ހުރި ކަންކަން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ގެއްލުންވި ކުންފުނިތަކަށް ސަރުކާރުން ދޫކުރާ ރިލީފް ޕެކޭޖުން ލޯނު ނެގުމަށް އެސްއެމްއީ ބޭންކަށް 1167 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފޯމް ތަކުގެ ތެރެއިން 263 ފޯމް އެޕްރޫވް ވެފައިވާއިރު 57 ފޯމު ރިޖެކްޓް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ރިލީފް ލޯނު 38 ފަރާތަކަށް ދޫކޮށްފި ކަމަށާއި އެހެން ލޯނުތައް ހަފުތާއެއްގެ ތެރޭގައި ދޫކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިޖެކްޓް ކުރި ނުވަތަ ގަބޫލުނުކޮށް ދޫކޮށްލި ފޯމްތަކާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ، "ސެލްފް ޑިކްލަރޭޝަނުގެ މައްޗަށް ބިނާކޮށް މި ދޫކުރަނީ. ތެދު މައުލޫމާތު ދޭން އެންމެން ވެސް ޖެހޭނެ" ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ލޮކްޑައުން އަށް ދިއުމާ ގުޅިގެެން ލޯނުތައް ޕްރޮސެސް ކުރުން ލަސްވެފައިވާ ކަމަށެވެ. މީގެ އިތުރުން މި މަސައްކަތުގައި އުޅޭ ބައެއް މުވައްޒަފުން އައިސޮލޭޝަނަށް ދިޔުމުގެ ސަބަބުންވެސް ލޯނު ޕްރޮސެސް ކުރުމުގައި ލަސްތަކެއް އައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި މިނިސްޓްރީގެ އަމާޒަކީ، ދުވާލަކު 80އާއި 100 އާ ދެމެދުގެ އަދަދަކަށް ފޯމު ބަލައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލޯނުގެ 90 ޕަސެންޓް އެޕްލިކޭޝަން ޕްރޮސެސް ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން