ކޯވިޑް-19 ގައި މަރުވާ މީހުން ވަޅުލުމަށް ޚާއްޞަ ތަމްރީން ދީފައިވާ ސިފައިން އެފަދަ މީހެއްގެ ކަނާޒާގައި
ކޯވިޑް-19 ގައި މަރުވާ މީހުން ވަޅުލުމަށް ޚާއްޞަ ތަމްރީން ދީފައިވާ ސިފައިން އެފަދަ މީހެއްގެ ކަނާޒާގައި
ކޯވިޑް-19 ގައި ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހުން މަރުވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ ގޮތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢާއްމުކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު، ޓެގްގެ ފަންނީ ނިންމުމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސާކިއުލާއެއް އަސްލަކަށް ބަލައިގެން އެކުލަވާލާފައިވާ މި އެސްއޯޕީގައި ބަޔާންކުރާ ގޮތުން، ކޯވިޑް-19 ގައި ނުވަތަ ބައްޔަށް ޝައްކު ކުރެވޭ މީހުން މަރުވުމުން މައްޔިތާގެ އާއިލާގެ މީހުން މޫނު ބެލުމަށް ތިބެންވާނީ މައްޔިތާ އާއި ތިންފޫޓަށްވުރެ ކައިރިނުވާ ދުރުމިނެއްގައި ކަމަށެވެ.

އަދި އާއިލާގެ އެންމެންވެސް ތިބެންވާނީ މާސްކު އަޅައިގެން ކަމަށާއި، ޖަނާޒާގައި ގައިދުރުކަން ދެމެހެއްޓުމާއެކު، އެއްވެސް ހާލަތެއްގައި މައްޔިތާގެ ހަށިގަނޑުގައި އަތްލައިގެން ނުވާނެ ކަމަށް އެސްއޯޕީގައި ބަޔާންކޮށްފައި ވެއެވެ.

މި އެސްއޯޕީގައި ބުނާގޮތުން، ކޯވިޑް-19 ގައި ނިޔާވާ މީހާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެ މަތީން ތަޔައްމުމުކުރާނީއެވެ. މިކަން ކުރަންވާނީ އެކަމަށް ތަމްރީނު ލިބިފައިވާ މީހުން ކަމަށާއި، އެމީހުން ތިބެންވާނީ ޕީޕީއީ އަޅައިގެން ކަމަށް ވެސް އެސްއޯޕީގައި ބުނެފައި ވެއެވެ.

"ސަހަރާގައި މައްޔިތާ ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ތަނުގައި ކަފުނުގެ ގޮތުގައި ބޭނުންކުރާ ފޮތިކަނޑު ބާއްވާށެވެ. އަދި އެ ފޮތިގަނޑު މަތީގައި ބޮޑީބޭގާއެކު މައްޔިތާ ބާއްވާށެވެ. ބޮޑީބޭގް ހުޅުވާލުމަށްފަހު މައްޔިތާގެ މޫނު ފެންނަ ގޮތަށް ބާއްވާށެވެ. އެއްވެސް ހާލަތެއްގައި ބޮޑީ ބޭގުން މައްޔިތާ ނަގައިގެން ނުވާނެއެވެ." ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ މޫނު ދެއްކުމުގެ ކުރިން ކަންކަން ކުރަންޖެހޭ ގޮތް ބަޔާންކޮށް އެޗްޕީއޭއިން ނެރުނު އެސްއޯޕީގައި ވެއެވެ.

މި އެސްއޯޕީގައި ބުނާގޮތުން، ކޮވިޑް-19 ޖެހިގެން ނުވަތަ ޝައްކުވާ މީހަކު ނިޔާވުމުން އޭނާގެ ކަށުކަމާކެމީގެ ކަންތައްތަކުގައި އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑު އަންހެނުންނާއި އަދި މި ނޫނަސް ދިފާޢީ ނިޒާމުގެ ބަލިކަށި މީހުން ބައިވެރިކޮށްގެން ނުވާނެއެވެ.

މީގެއިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދުވަސްވަރު، ގޮތްނޭނގޭ މަރަކުން ނުވަތަ ކޯވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ނިޔާވެއްޖެނަމަ ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް އެމީހާގެ ސާމްޕަލް ނަގަންވާނެ ކަމަށާއި، އަދި ނަތީޖާއަށް މަޑުނުކޮށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިޔަށްގެންދާން ވާނެ ކަމަށް ވެސް އެސްއޯޕީގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން