މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް އެކި މީހުންގެ އަތުން 7.4 މިލިއަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެފިއެވެ.

ފުލުހުން ބުނީ 2020 ވަނަ އަހަރު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށެވެ.

އަދި މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހިލަތުން ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެވެ. އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެންކަމުުގައި ފުލުހުން ފާހަގަކޮށްފައި ވެއެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވެފައިވާ ކަމުގައިވެސް ފުލުހުން ބުނެފައި ވެއެވެ.

އޭގެއިތުރުން، މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެންއައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުންދިޔަކަން ފާހަގަކުރެވޭ ކަމަށާ އެހެންނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައިކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައިވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިކަން ކުރަމުންދާކަމުގައިވެސް ފާހަގަ ކޮށްފައި ވެއެވެ.

ފުލުހުން ބުނީ އާންމުގޮތެއްގައި ޖަލުން އަންނަ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމަށާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގާފައި ހުންނަކަން ފާހަގަކުރެވޭ ކަމުގައެވެ. އެހެންކަމުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރެއިން ފައިސާ އަނބުރާ ހޯދެނީވެސް މަދު މައްސަލަތަކެއްގައިކަން ފުލުހުން ފާހަގަކޮސްފައި ވެއެވެ.

އޭގެ އިތުރުން، ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ހުށަހެޅެމުންދާ ކަމުގައިވެސް ފުލުހުން ފާހަގަކުރިއެވެ. އަދި ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމުގައި ފުލުހުން ބުނެފައި ވެއެވެ. އެގޮތުން ވައިބަރ އަދި ޓެލެގްރާމް ގްރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމާއި ޑޮލަރު ދޭނެކަމަށްބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައްވެސް ހުށަހެޅެމުންދާކަމުގައި ފުލުހުން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން